ބަޖެޓު ބަހުސްގައި ޖާބިރު ގޮވާލެއްވީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގެ ބަހުސް މަރުހަލަ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ޖާބިރު ގޮވާލައ...

08 Nov 2021 | 09:37

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގެ ބަހުސް މަރުހަލަ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ޖާބިރު ގޮވާލައްވައިފި އެވެ.

ބަޖެޓު ބަހުސްގައި އިނގިރޭސި ބަހުން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ބަޖެޓަށް ތާއީދު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޖާބިރު ވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ރައީސް ޞާލިހުގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ރާއްޖޭގައި އޮންނަން ޖެހެނީ ބަރުލަމާނީ ނިޒާމެއް ކަމަށެވެ. އަދި އެނިޒާމު ގެނައުމަށް މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.

މިއަދުގެ ބަޖެޓު ބަހުސްގައި ޖާބިރު އިނގިރޭސި ބަހުން ވާހަކަ ދައްކަވާތީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު ނިޒާމީ ނުކުތާއެއް ނަންގަވާ "މަޖިލީހުގައި ކުރިއަށްދަނީ އދ.އާންމު މަޖިލީހުގެ ޖަލްސާއެއްތޯ ނުވަތަ ދިވެހި ރާއްޖޭގެ މަޖިލީހުގެ ޖަލްސާއެއްތޯ" ސުވާލު އުފައްދަވާފަ އެވެ.

މި ނިޒާމީ ނުކުތާއަށް މަޖިލިސްގެ ރިޔާސަތުން ވިދާޅުވީ މަޖިލީހުގައި މެމްބަރަކު ވާހަކަ ދައްކަން ވަކި ބަހެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

ބަޖެޓަށް ތަޅުމުގައި ކުރެވޭ ބަހުސް މަރުހަލާ މިހަފްތާގެ ބުދަ ދުވަހުގެރެއަށް ނިންމާލުމަށް މަޖިލީހުން އަމާޒު ހިފާފައިވާ އިރު، ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނިޓުގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކޮމެޓީން ބަޖެޓް ފާސް ކުރުމަށްފަހު ކޮމެޓީ ރިޕޯޓަށް ބަހުސް ކުރުމަށް 7 މިނިޓުގެ ފުރުސަތެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބަޖެޓުގެ ބަހުސަށްފަހު މެމްބަރުންގެ ވާހަކަފުޅުތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރަށް 45 މިނިޓްގެ ވަގުތެއް އަރުވާނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިޔަން ރުފިޔާގެ ޕްރޮގްރާމް ބަޖެޓެކެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި، ތަރައްޤީގެ ގިނަ ކަންތައްތަކެއް އެކުލެވޭގޮތަށް ހުށަހަޅުއްވާފައިވާ ބަޖެޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް