ތިން ލައްކަ ރުފިޔާގެ ބޮޑު ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ މީހަކު އަމިއްލަ އަށް މަރުވާން އުޅެން ފެށުމުން ނަފްސާނީ މައްސަލައެއް ހުރިތޯ ބަލަން ނިންމައިފިއެވެ.
ތިންލައްކަ ރުފިޔާގެ ގަހަނާއާއި އެޕަލް ގަޑިއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި 33އ ފިރިހެނެކެވެ. އޭނާ ބަންދުގައި ބަހައްޓާފައި ހުއްޓަ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށް ބުނީ ފުލުހުންނެވެ.
ފުލުހުން މިކަން ހާމަ ކޮށްފައި ވަނީ އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށްޓަކައި އިއްޔެ ކޯޓަށް ގެންދިއުމުންނެވެ.
ފުލުހުން ކޯޓުގައި ވިދާޅުވެފައި ވަނީ ބަންދުގައި ހުއްޓާ އޭނާ ދަންޖެހިގެން މަރުވާން މަސައްކަތް ކޮށްފައިވާ ކަމުގައެވެ. އެހެންވެ އޭނާ ބަންދުގައި ހުންނައިރު އޭނާގެ ހަރަކާތްތަށް ކުރިއަށް ވުރެ ބޮޑަށް މޮނިޓަރކުރަމުން ދާ ކަމުގައި ވިދާޅުވިއެވެ.
ފުލުހުން ކޯޓުގައި އެ މަޢުލޫމާތު ހިއްސާ ކުރެއްވުމާއި އެކު ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވެފައި ވަނީ ވީ އެންމެ އަވަހަކަށް އޭނާގެ ނަފްސާނީ ހާލަތު ވަޒަން ކުރުމަށްޓަކައި ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށް އަންގާފައެވެ.
ގާޒީ ޝަފީއު އިތުރަށް އަމުރު ކުރެއްވީ މުޖުތަމައުގެ ސަލާމަަތަށްޓަކައި އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރުމަށެވެ.
ފުލުހުން ވިދާޅުވިގޮތުގައި ވައްކަމުގެ މައްސަލައިގައި ތުހުމަތެއް އުފެދޭ ވަަަރަށް ވަނީ ހެކި ލިބިފައެވެ. އެގޮތުން ކޯޓުގައި ފުލުހުން ވިދާޅުވެފައި ވަނީ އެކަމާއި ގުޅޭ ސީސީޓީވީ ފުޓޭޖް ވެސް ލިބިފައިވާ ކަމަށާއި އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ވަގަށް ނެގި އެޕަލް ގަޑި ވިއްކަން އުޅެނިކޮށެވެ. ނަމަވެސް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ގަހަަނާތައް އޭނާގެ އަތުން ފެނިފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ހާމަ ކުރި ގޮތުގައި އޭނާ އަކީ މިފަދަ ވައްކަންތަކުގެ ދިގު ރެކޯޑެއް އޮތް މީހެއް ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް