މި ނޮވެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ އެޗް.އެފް މާންދޫ ރަން 2021" ބާއްވާ ތާރީޚް ފަސްކޮށްފި އެވެ.
މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ނެރުނު އިޢުލާނެއްގައި ބުނީ މި ނޮވެމްބަރ މަހުގެ 12 ވާ ހުކުރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި ދުވުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައްވެ ނިމިފައިވާ ކަމަށެވެ.
ނަމަވެސް އެ ސަރަޙައްދުގައި ކޮވިޑްގެ ހާލަތު މިވަގުތު އޮތްގޮތުން ގިނަ ބަޔަކު އެއްވެގެން މިފަދަ ބޮޑު އިވެންޓެއް ބޭއްވުމަކީ މިވަގުތަށް އެންމެ ރައްކާތެރިގޮތްކަމަށް ނުފެންނަ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން ވެސް އެގޮތަށް ލަފާ ދެއްވާފައިވާ ކަމަށެވެ.
އެހެންކަމުން މާންދޫ ރަން ބޭއްވުން ފަސްކުރެވިފައިވާ ކަމަށާއި އެ ސަރަޙައްދުގެ ކޮވިޑުގެ ހާލަތު ރަނގަޅުވިހައި އަވަހަކަށް މި ދުވުން ބާއްވާނެ ތާރީޚެއް އިޢުލާނު ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މި ދުވުން ފަސްކުރުމާއި ގުޅިގެން ރަންގައި ބައިވެރިވެފައިވާ އެންމެހައި ފަރާތްތަކާއި ސްޕޮންސަރުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަަމަށާއި މިފަދަ އެންމެހައި ކަންކަމުގައި ހުރިހައި ފަރާތްތަކުން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކޮށް މިފުރުޞަތުގައި ޓީމުގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.
މި ދުވުމަކީ ހޮރައިޒަން ފިޝަރީޒްގެ 18 ވަނަ އަހަރީ ދުވަހާއިގުުވައިގެން ބާއްވަން ނިންމާފައިވާ ދުވުމެކެވެ.
މާންދޫ ގޭޓުން ފަށާ އަދި އެ ގޭޓު ކައިރިޔަށް ނިންމާގޮތަށް ހަމަޖެހިފައިވާ މި ދުވުމުގައި 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރު އަދި ހާފް މެރަތަން (21 ކިލޯ މީޓަރު) ވަނީ ހިމަނާފަ އެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން “ފަން ރަން” ގެ ނަމުގައި ޚާއްސަ ދުވުމެއް ވެސް ބާއްވަން ވަނީ ނިންމާފަ އެވެ.
މި ދުވުމުގައި މިހައިތަނަށް ތިނަށް ތިންސަތޭކައަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
“މާންދޫ ރަން” ގެ މީޑިއާ ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ ދުވަސްއެމްވީ އެވެ.
މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ބައިވެރިވާނެ އެވެ. އޭނާއަކީ ދުވުމުގައި ޚާއްސަކޮށް ދިގު ދުވުމުގައި ރާއްޖޭގެ އެތައް ރެކޯޑެއް ހަދާ، އޮލިމްޕިކްސް ގައި ރާއްޖެ ދެފަހަރު ތަމްސީލު ކުރައްވާފައިވާ ފަރާތެކެވެ. އަދި އޮލިމްޕިކްސްގައި 3 ފަހަރު ރާއްޖެ ތަމްސީލުކޮށްފައިވާ ކުރީގެ ބާރު ދުވުންތެރިޔާ އަދި ފިޒިކަލް ޓްރެއިނަރ އަހްމަދު ޝަފީގު (ރިވަރިން) ވެސް ބައިވެރިވާނެ އެވެ.
މި ދުވުން ނިންމާ ކޮންމެ ބައިވެރިއަކަށް މެޑެލް ދިނުމަށް ވަނީ ނިންމާފަ އެވެ. މި ދުވުން ކުރިއަށް ދާނީ އެޗްޕީއޭގެ ގައިޑް ލައިނާ އެއްގޮތަށް ކަމަށް އެ ފަރާތުން ބުނެ އެވެ.
މި ދުވުން ބޭއްވުމަށް ކުރިން ނިންމާފައި އޮތީ އޮކްޓޯބަރ މަހުގެ 8 ވަނަ ދުވަހު އެވެ. ނަމަވެސް، ނޮވެމްބަރ މަހަށް ފަސްކުރީ ފޮނަދޫގައި ކޮވިޑުގެ ހާލަތު އޭރު އޮތް ގޮތުން ނެވެ.
ދުވަސްއެމްވީ އިން މީގެ ކުރިން ވެސް ވަނީ މިފަދަ ހަރަކާތްތަކުގައި އެކި ހަރަކާތްތަކުގައި މީޑިއާ ޕާޓްނަރގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.
އެގޮތުން ހދ. ހަނިމާދޫގައި 12 ފެބްރުއަރީ 2016 ގައި ބޭއްވި މޫދު ކުޅިވަރު ހަރަކާތްތަކެއްގެ މީޑިއާ ކަވަރޭޖު ހަދާފައިވާ އިރު، މިއަހަރުގެ އޯގަސްޓު މަހު ބ. ދަރަވަންދޫގައި ބޭއްވި “ދަރަވަންދޫ ފުޓްސަލް ފިއެެސްޓާ 2021ގެ” އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި ވެސް ދުވަސްއެމްވީ ވަނީ ހަރަކާތްތެރިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް