މިއަދު އިއުލާނު ކުރި މުސާރައިގެ ގޮތުގައި ދެވޭ އެންމެ ކުޑް އުޖޫރަ ގުނާނީ މުވައްޒަފުންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސްތައް ހިމަނައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް އިއުލާނު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 4،500 ރުފިޔާ އެވެ އެ އަދަދު ސިވިލް ސާވިސްއަށް އުޅެނީ 7،000 ރުފިޔާގައި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެންމެ ދަށް މުސާރައިގެ ގޮތުގައި ކަނޑައެޅި އަދަދު ގުނާނީ އެމީހަކަށް މަހު މުސާރަ އާއި އެކު ޔަގީން ކަމާއި އެކު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ އެލެވެންސްތަކާއި އެކު ކަމަށެވެ. އެގޮތަށް ހިމެނޭ އެލަވަންސްތަކަކީ މުވައްޒަފާއި ވަޒީފާ ދޭ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ލިޔެވިފައިވާ އެއްޗަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ އެލަވަންސްގެ ތެރޭގައި އެއްބަސްވުމުގައި ލިޔެފައި ހުންނަ ފައިސާ ނޫން އެއްޗެއް ނުހިމެނޭނެ ކަމަށެވެ. އިތުރު ގަޑީގެ ފައިސާ އާއި ސާވިސް ޗާޖާއި ރޯދަ މަހުގެ އިނާޔަތުގެ އިތުރުން ބައެއް ކުންފުނިތަކުން ދޭ ކެއިން ބުއިމުގެ ހަރަދު ނުހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު މިއަދު ވިދާޅުވީ މިނިވަން ވޭޖް ކަނޑައެޅުމުގައި ބެލީ ކުދި ވިޔަފާރިތަކަށްވެސް ދަތިނުވާނެ ގޮތަކަށް ކަމަށެވެ. މިނިވަން ވޭޖް އެޑްވައިޒަރީ ބޯޑުން ހުށަހަޅާފައިވާ 5،000 ރުފިޔާ، 4،500 އަށް ކުޑަކުރީ އެކަންކަމަށް ބަލާފައި ކަމަށް ވިދާޅުވި އެވެ.
މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅި އަދަދުތަކަށް ބަލާއިރު ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖްގެ ގޮތުގައި މަހަކަށް 4،500 ރުފިޔާ ކަނޑައަޅާފައިވާއިރު މެދުފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ 7،000 ރުފިޔާ އެވެ. ބޮޑެތި ވިޔަފާރިތަކަށް މަަހަކު 8،000 ރުފިޔާ އެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް މަހަކު 7،000 ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް