މިއަދުގެ ޝަރީޢަތަށް ވެސް އަލީ ވަހީދު ހާޒިރެއް ނުވި

ކުރީގެ ޓޫރިޒަަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ މައްސަލައިގާ ސުޕްރީމް ކޯޓުގައި މިއަދަށް ތާވަލުކުރި ޝަރީއަތް ވެސް ކެންސަލް ކުރަން ޖެހިއްޖެ އެވެ. މިއަދުގެ ޝަރީއަތް ވެސް ކެންސަލް ކުރަން ޖެ...

08 Nov 2021 | 07:53

ކުރީގެ ޓޫރިޒަަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ މައްސަލައިގާ ސުޕްރީމް ކޯޓުގައި މިއަދަށް ތާވަލުކުރި ޝަރީއަތް ވެސް ކެންސަލް ކުރަން ޖެހިއްޖެ އެވެ.

މިއަދުގެ ޝަރީއަތް ވެސް ކެންސަލް ކުރަން ޖެހުނީ އަލީ ވަހީދު ހާޒިރު ނުވުމުން ނެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލަ މިއަދުގެ ހެނދުނު 9:00 ޖަހާއިރު ފެށުމަށް ތާވަލުކުރި ނަމަވެސް އަލީ ވަހީދު މިއަދު ވެސް ހާޒިރުވެފައެއް ނުވެ އެވެ.

ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުން ހުށަހަޅާފައިވާ އެ މައްސަލައިގެ އަޑުއެހުމަށް އަލީ ވަހީދު ހާޒިރުނުވުމުން, އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުން މިހާރުވަނީ ހާމަކޮށްފަ އެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމި ނިންމުން ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ދައުވާ ފޯމް ބާތިލްކޮށްފައެވެ. އެއީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ހައިކޯޓުން މައްސަލަ ބަލައިގަތުމަށްފަހު ދައުވާ ފޯމް ބާތިލްކޮށްފައިވަނީ، އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

ޕީޖީ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ އަމުރެއް ނެރެފަ އެވެ.

އަލީ ވަހީދުގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު، ފަނޑިޔާރު މުހައްމަދު އިބްރާހިމް ސޮއި ކުރައްވައި ނެރުއްވި އަމުރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އަލީ ވަހީދު ރާއްޖޭގައި ނެތި އޭނާގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގައި ޕީޖީން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އެފަދަ ގޮތަކަށް ޝަރީއަތް ކުރިއަށްދާ އިރު، ދައުވާ ލިބޭ ފަރާތުން ކޯޓުގެ ހުރުމަށް ކެނޑޭ ފަދަ އަމަލެއް ކުރި ނަމަވެސް ފިޔަވަޅު ނޭޅޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް