މިލާން ޑާބީ މެޗު ވީ އެއްވަރު

އިޓާލިއަން ސެރިއޭގައި ރޭ އިންޓަ މިލާނާއި އޭސީ މިލާން ކުޅުނު ޑާބީ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. އޭސީ މިލާން ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. ރޭގެ މެޗު ފެށިގެން ވެސް ފެނިގެ...

08 Nov 2021 | 04:33

އިޓާލިއަން ސެރިއޭގައި ރޭ އިންޓަ މިލާނާއި އޭސީ މިލާން ކުޅުނު ޑާބީ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އޭސީ މިލާން ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފެށިގެން ވެސް ފެނިގެން ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ނަމަވެސް މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ އިންޓަ މިލާނުންނެވެ. އިންޓަ މިލާނުން މި މެޗުގައި ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 11 ވަނަ މިނިޓްގައި އިންޓަ އަށް ލިބުނު މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިންޓަ އަށް ލީޑުނަގައިދިނީ ތުރުކީގެ މިޑްފީލްޑަރު ހަކަން ޗަނޮނޮގްލޫ އެވެ. މިއީ ޗަނޮނޮގްލޫ އަށް އޭރިއާތެރެއިން ފްރޭންކް ކެސިއޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އިންޓަ އިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގިނަމަވެސް އެޓީމަށް ލީޑުގައި އޮވެވުނީ އެންމެ ހަ މިނެޓުގެ ވަގުތުކޮޅަކަށެވެ. މެޗުގެ 17 ވަނަ މިނިޓްގައި މިލާނުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަކޮށްފައެވެ. ނަމަވެސް މި ލަނޑަކީ މިލާންގެ ސަންޑްރޯ ޓޮނާލީ ނެގި ހިލޭ ޖެހުމެއް ޑިފެންސްކުރަން އުޅުމުގެ ތެރޭގައި އިންޓަގެ ޑިފެންޑަރު ސްޓެފަން ޑި ވްރައި އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ލަނޑަށް ފަހުވެސް ދެޓީމަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މެޗުގެ 27 ވަނަ މިނިޓްގައި އިންޓަ އަށް ލިބުނު ޕެނަލްޓީއެވެ. ނަމަވެސް އިތުބާރު ފޯވާޑް ލަޓާރޯ މާޓީނޭޒް ފޮނުވާލި މި ޕެނަލްޓީ މިލާންގެ ކީޕަރު ސިޕްރިއަން ޓަޓަރުސާނޫ މަތަކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް