ބޮލީވުޑްގައި އެންމެ ގިނަ ބައެއްގެ މަލާމާތް ރައްދުވާ ދެ ލޯބިވެރިންނަކީ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާ އެވެ.
ފާޑުކިޔުން އަމާޒުވަނީ ދެމީހުންގެ އުމުރުގެ ތަފާތު ބޮޑުކަމުންނެވެ. އަރްޖުންއަށް 36 އަހަރެވެ. މަލައިކާގެ އުމުރުން މިހާރު 47 އަހަރުވެފައިވާއިރު ކުރީގެ ކައިވެންޏަށް ލިބިފައިވާ 18 އަހަރުގެ ފިރިހެން ދަރިއަކު އެބަހުއްޓެވެ.
އެކަމަކު ދެމީހުން، ދެމީހުންދެކެ ވާ ލޯބި އާންމުންގެ މެދުގައި ހާމަ ކުރުމުގައި އެވަރެއް ނެތެވެ. އަރްޖުން ބުނެފައިވަނީ އޭނާގެ ދިރިއުޅުމަކީ އަދި އުފަލަކީވެސް މަލައިކާ ކަމަށާއި އުމުރުގެ ތަފާތުވެގެން ބަޔަކު ކިތަންމެ މަލާމާތެއް ކުރިޔަސް މަލައިކާ ދޫކޮށް ނުލާނެ ކަމަށެވެ.
ދެމީހުންގެ ވަގުތުތައް ހޭދަ ކުރާގޮތް ތަފާތު ގޮތް ގޮތަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ދެމީހުންވެސް ހާމަކުރެ އެވެ. މިފަހަރު އަރްޖުން ބުނެދިނީ މަލައިކާގެ ފަރާތުން އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލުގެ ވާހަކަ އެވެ.
އަރްޖުން ބުނީ އޭނާ އެންމެ އުފާވަނީ ދައްކާ ކޫސަނި ވާހަކަތަކަށް މަލައިކާ ހޭތީ ކަމަށެވެ. އެހެން ބުނުމަށް ފަހު އާންމުކޮށްފައިވާ ފޮޓޯގައި ފެންނަނީ ދެމީހުން ފޮޓޯއަކަށް ހުއްޓިގެން ތިއްބަ އަރްޖުން ބުނާ އެއްޗަކަށް މަލައިކާ ފަހަތައް އެނބުރި ބާރަށް ހޭތަނެވެ.
ދެމީހުންގެ ލޯބީގެ ވާހަކަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަ ކުރިޔަސް މީހުން އެހާ ގިނައިން އެވާހަކަ ދެއްކުމަކީ އަރްޖުންއަށް މާ ކަމުދާ ކަމެއް ނޫނެވެ. މީގެ ކުރިން އަރްޖުން ބުނީ އެ ދެމީހުންގެ ލޯބީގެ ވާހަކަ މާގިނައިން ދެއްކުމުން މަލައިކާގެ ދަރިއަކު ހުރުމުން ދަރިފުޅަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.
އެކަމަކު އަރްޖުންއާ މަލައިކާގެ ގުޅުމުގެ މަގުސަދާއި މެދު ސުވާލު އުފެދޭ ވާހަކަ އެއް މިއަހަރު އޭނާގެ އުފަންދުވަހު އަރްޖުން ވަނީ ދައްކާފަ އެވެ. އޭނާ ބުނީ ލޯބިވެރިއަކުން އަންބަކަށް މަލައިކާ ބަދަލުވާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. އޭނާ ބުނީ މަލައިކާ އާއި ކައިވެނި ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް