ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ ފައިސާގެ މައްސަލައިގައި ކުރީގެ ރައީސް އަދި ޑީއާރްޕީގެ ކުރީގެ ލީޑަރު މައުމޫން އަބްދުއްގައްޔޫމް ކޯޓަށް ހާޒިރު ކޮށްދެއްވުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފުގެ އަޑު އެހުމަކީ،ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޑީއާރްޕީއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ 718،438 ރުފިޔާއަކީ ޑީއާރްޕީގެ ފަރާތުން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާއެއް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށް 2015 ވަނަ އަހަރު ކޮށްފައިވާ ހުކުމް، ޑީއާރުޕީގެ ފަރާތުން ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން ކުރިއަށްދާ އަޑުއެހުމަކެވެ.
އެ މައްސަލައިގައި ޑީއާރްޕީގެ ފަރާތުން ވަކާލާތު ކުރައްވަނީ އެ ޕާޓީގެ މިހާރުގެ ލީޑަރު ޖާބިރު އެވެ.
ޑީއާރްފީއަށް ދިން ހިދުމަތްތަކަށް ހަބުން ހެދި އިންވޮއިސްގައި ވަނީ މައްސަލައެއް ޖެހިފަ އެވެ. އެގޮތުން އެ އިންވޮއިސްތަކުގެ މުއްދަތުގައި ހަބް ކުންފުނީގެ ސަމާލުކަމަށް އެކަން ގެންނެވިންތޯ، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖާބިރު ވިދާޅުވީ، އެކަން ޖެހޭނީ ޑީއާރުޕީގެ ކުރީގެ ލީޑަރު ރައީސް މައުމޫނުގެ އަރިހުން އަހާލަން ކަމަށެވެ.
ޑީއާރްޕީއަށް ހަބުން ފޯރުކޮށްދީފައިވާ ދިދުމަތަކީ، 2008 ވަނަ އަހަރު މައުމޫނު ޑީއާރުޕީގެ ފަރާތުން ކެމްޕެއިންއަކަށް ވަޑައިގެންނެވުމަށް ލައިޓިން އާއި އިންޖިނިއަރިން ހެދުން ކަމަށް އަޑު އެހުމުގައި ޖާބިރު ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އޭނާ ލީޑަރުކަން ކުރައްވާ ޑީއާރުޕީ އަކީ ކުންފުންޏެއް ނޫން ކަމަށާއި ޑީއާރުޕީއަކީ ޕާޓީއެއް ކަމަށް ފަނޑިޔާރުންގެ ސަމާލުކަމަށް ގެންނަވާ ކަމަށެވެ. އަދި އެޕާޓީގެ ލީޑާޝިޕް އޮތީ އެކި އިރު އެކި ގޮތަށް ބަދަލުވެފައި ކަމަށްވެސް ވިދާޅުވި އެވެ.
އެހެންކަމުން އެކަންތައްތަކުގެ ތަފްސީލީ މައުލޫމާތު ހޯއްދެވުމަށް އެ ޕާޓީގެ ކުރީގެ ލީޑަރު މައުމޫން ކޯޓަށް ހާޒިރު ކުރަން އެދިވަޑައިގަންނަވާ ކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި ކޯޓުގައި މިހާރު ކުރިއަށްދާ އެ މައްސަލައިގައި ޑީއާރުޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މިހާރު ޖުމްހޫރީ ޕާޓީގެ މިހާރުގެ ކައުންސިލް މެންބަރު އަދި އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން، ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވެސް ހެކިބަސް ދެއްވާފައިވާ ކަމަށާއި، އެހެން ކަމުން ޑީއާރުޕީގެ އޭރުގެ ލީޑާޝިޕްގެ ބޭފުޅުން ހާޒިރުކުރަން ބޭނުންވާކަމަށް ޖާބިރު ވިދާޅުވި އެވެ.
އަޑު އެހުމުގައި ޖާބިރު އިތުރަށް ވިދާޅުވީ،2008 ވަނަ އަހަރު ހިނގައިދިޔަ ކަމަކަށް ވާތީ އެކަމާބެހޭ ފުރިހަމަ މައުލޫމާތު މިހާރުގެ ލީޑާޝިޕްގައި ނެތް ކަމަށާއި، މިހާރުގެ ލީޑަޝިޕުން އެމައްސަލައިގައި ވާހަކަ ދައްކަނީ މިހާރު ލިބެން ހުރި މައުލޫމާތުގެ އަލީގައި ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް