ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ގެޒެޓުގައި އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ތަހުގީގު ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 35 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުމާން ޖެހޭ ކަމަށެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން ސިޔާސީ އަދާކުރާ މީހެއްގެ ގޮތުގައި ނުވުމާއި ސިޔާސީ ޕާޓި މެމްބަރަކަށް ނުވުމަކީވެސް ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ޖޭއެސްސީގެ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތަކީ ވަކީލެއްނަމަ ކޮމިޓީގައި މަސައްކަތްކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލަ ރައްދުވާ ފަނޑިޔާރު މަސައްކަތްކުރާ ކޯޓުގައި ވަކާލާތު ކުރުމަކީ މަނާކަމެއް ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
ކޮމެޓީތަކުގެ މެމްބަރުންނަށް އެލަވަންސްގެ ގޮތުގައި ކޮންމެ ބައްދަލުވުމެއްގައި ދޮޅުގަޑިއިރު ހަމަވާނަމަ 500 ރުފިޔާ އަދި ދޮޅުގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް އިތުރު 500 ރުފިޔާ ލިބޭނެ އެެވެ. ބައްދަލުވުމަކަށް އެންމެ ގިނަވެގެން ދެވޭނީ 1000 ރުފިޔާ އެވެ.
މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ކުރީގައި ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި، ތަހުގީގު އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ނޮވެންބަރު 17 ވަނަ ދުވަހުގެ 12:30 އާ ހަމައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް