ރޫޓް ފިހާރައިން ބޭންކް އޮފް ސިލޯން (ބީއޯސީ)އަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު މީހުނަށް އެހީވި މީހުންގެެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފި އެވެ.
ފޭރަން އުޅުނު މީހުންގެ އެހީތެރިންގެ ތެރޭގައި ހިމެނޭ އެ ތިން މީހުންނަކީ ކ. މާލެ / ގ. ރޮބިންސް، މުޙައްމަދު މާހީން މަދީޙް 20އ އާއި ސ. ފޭދޫ / ރަންކޮކާގެ، އަޙްމަދު މާހިލް ސަޢީދު 21އ އަދި ރ. ރަސްމާދޫ / އޯކިޑްމާގެ، މުޙައްމަދު އަޒުމީން 30 އެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ. ފޭރުމުގެ އެ މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްގެ ޑިޕާޓުމެންޓުންނެވެ.
ރޫޓް ފިހާރާއިން ބީއޯސީ ޖަމާކުރަން ގެންދިޔަ ފައިސާ ފޭރުމަށް މަސައްކަތް ކުރި މީހުންގެ ވަނަވަރު ވެސް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެެވެ. އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު، 20، އާއި ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު،23، އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު، 22،ގެ އިތުރުން ލ. ގަން، ތުނޑި. ކީމިޔާގެ، އަބުދުﷲ ރާޝިދު، 27، އެވެ. އެ ހަތަރު މީހުންނަކީ ވެސް ކުށުގެ އޮވެ އެވެ. އަދި އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑާއި ރޫޓުގެ މުވައްޒަފުންގެ އަގު ވަޒަންކޮށް ބީއޯސީއިން ވަނީ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ފުލުހުން ވަނީ ސެކިއުރެޓީ ގާޑުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާއެއް ދީފަ އެވެ.
ރޫޓު ކުންފުނީގެ ފައިސާ ފޭރެން އުޅުމުން ބެންކު ސެކިއުރެޓީ އެމީހުން ހުއްޓުވަން މަސައްކަތް ކުރުމުން ފޭރެން އައި މީހުން ވަނީ އެ ސަރަަހައްދު ދޫކޮށް ގޮސްފަ އެވެ. މިކަން ހިނގި ގޮތް ދައްކުވައިދޭ ވީޑިއޯއެއް ވަނީ ހަމަ ދުވަހު އާންމުވެފަ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ހަތަރު މީހަކު ވަނީ ފައިސާ ފޭރެނަ ސައިކަލުގައި އައިސްފަ އެވެ. އެމީހުން އައިސްފައިވަނީ ރޫޓް ކުންފުނީގެ ވޭނުގެ ފަހަތުންނެވެ. ހަަތަރު މީހުންގެ ތެރެއިން އެކަކު ހުރީ ހެލްމެޓް ނާޅާ އެވެ. ރޫޓުގެ ވޭން އޯވާޓޭކް ކުރުމަށްފަހު ފޭރެން އައި މީހުން ވަނީ ބެންކު ކުރިމަތީގައި މަޑުކޮށްފަ އެވެ. އަދި ވޭން ސިލޯޏް ބޭންކަށް މަޑު ކުރިތަނާހެން ހެލްމެޓް އަޅައިގެން ތިބި މީހުން ވަނީ ވޭން ކައިރިއަށް ގޮސް ފައިސާ ފޭރިގަންނަން މަސައްކަތް ކޮށްފަ އެވެ. ފޭރަން ދެ ދެ ފަހަރެއްފެ މަތިން މަސްއްކަތް ކުރުމުން ވެސް ނާކާމިޔާބު ވެފަ އެވެ.
ފޭރެން އައި މީހުންގެ ތެރެއިން އެކަކު ވަނީ ފައިސާ އަޅާފައި ހުރި ދަބަސް ނަގައިގަނެގެން ފިލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ބޭންކު ސެކިއުރެޓީވަނީ އެ ފައިސާ އަނބުރާ އޭނާގެ އަތުން ހޯދުމަށްފަހު ރޫޓް ކުންފުނީގެ މުވައްޒިފަކާ ހަވާލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް