ކޮވިޑް-19 އިގެ ސަބަބުން ވިޔަފާރިތަކަށް ދިމާވަމުންދާ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރީޓެއިލާސް ލޯނަށް ބަދަލުތަކެއް ގެނެސްފި އެވެ.
ބީއެމްއެލްއިން މިއަދު ބުނީ، ރީޓެއިލާސް ލޯނުގެ ޝަރުތުތަކަށް މިއަދު ގެނައި ބަދަލުތަކާއެކު، މަހެއްގެ މައްޗަށް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރި ތަކުން ހޯދަންޖެހޭ އާމްދަނީ 50،000 ރުފިޔާއިން 30،000 ރުފިޔާއަށް ދަށްވެފައިވާ ކަމަށެވެ. އަދި، އެ ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގިނަ ވިޔަފާރިތަކަކަށް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.
ރީޓެއިލާސް ލޯނަކީ ވިޔަފާރިތަށް ހިންގުމަށް ބޭނުންވާ އެޑިޝަނަލް ފައިސާ އާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ބީއެމްއެލްއިން ދޫކުރާ ލޯނެކެވެ. ވިޔަފާރިތަކުން ޕީއޯއެސް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގެ ޖުމްލަ ވިޔަފާރީގެ ތިންގުނައާ ހަމަޔަށް ރީޓެއިލާސް ލޯނު ބީއެމްއެލްއިން ދޫކުރާނެ އެވެ. ރީޓެއިލާސް ލޯނަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިތަކުން ވޭތުވެދިޔަ 12 މަސްދުވަހު މެދުކެނޑުމެއް ނެތި ޕީއޯއެސް އިން ވިޔަފާރީގެ މުއާމަލާތް ހިންގާފައި ހުންނަންޖެހޭނެ އެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ އެ ބޭންކުން ގެނައި ބަދަލުތަކުގެ ތެރޭގައި ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން އެންމެ ބޮޑަށް ގެއްލުންވި މަސްތަކުގެ ވިޔަފާރި ނުހިމަނާ ގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަ މަސްދުވަހުގެ އެވްރެޖްގެ ގޮތުގައި 30،000 ރުފިޔާ ހަމަކުރާއިރު އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ވިޔަފާރި ނުހިމަނާނެ އެވެ. މީގެ އިތުރުން އިސްލާމިކް ރީޓެއިލަސް ފައިނޭންސިން އަށް ވެސް ވަނީ މި ބަދަލުތައް ގެނެސްފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް