ދިވެހިިންނާ ކައިވެނިކޮށް 250000 ޑޮލަރު އިންވެސްޓްކުރާ ބިދޭސީންނަށް ވިސާ ދެނީ

ދިވެހިންނާއި ކައިވެނިކޮށްގެން ނުވަތަ ކައިވެނި ކުރާ ބިދޭސީއަކު ރާއްޖޭގެ ބޭންކެއްގައި250،000 އެމެރިކާ ޑޮލަރު ބެހެއްޓުން ނުވަތަ އެ އަދަދަށް ވާވަރަށް ރާއްޖޭގައި އިންވެސްޓްކުރާނަމަ ދިގު މުއްދަތަކަށް ވިސާ ދ...

08 Nov 2020 | 09:15

ދިވެހިންނާއި ކައިވެނިކޮށްގެން ނުވަތަ ކައިވެނި ކުރާ ބިދޭސީއަކު ރާއްޖޭގެ ބޭންކެއްގައި250،000 އެމެރިކާ ޑޮލަރު ބެހެއްޓުން ނުވަތަ އެ އަދަދަށް ވާވަރަށް ރާއްޖޭގައި އިންވެސްޓްކުރާނަމަ ދިގު މުއްދަތަކަށް ވިސާ ދޭން އިމިގްރޭޝަން ގާނޫނުުގައި ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލް ކޮމިޓީން ދިރާސާ ކުރުމަށްފަހު އިސްލާހު ގެނައުމަށް މަޖިލީހުގެ ތަޅުމަށް މިހާރު ފޮނުވާފައިވާއިރު، މިހާރު ގާނޫނޫގައި ކަނޑައަޅާފައިވާ ވިސާގެ އިތުރުން އާ ދެ ވިސާއެއް ތައާރަފް ކުރަން ވަނީ ހިމަނައިފަ އެވެ. މިހާރު ގާނޫނުގައި އޮންނަ އަށް ވިސާއަކީ، ޓޫރިސްޓު ވިސާ، ޑިޕްލޮމެޓިކް ވިސާ، ސްޓޫޑެންޓް ވިސާ، ބިޒްނަސް ވިސާ، ޑިޕެންޑަންޓް ވިސާ، ވާކް ވިސާ، ރެސިޑެންޓް ވިސާ، އަދި ސްޕެޝަލް ވިސާ، އެވެ. އަލަށް ތައާރަފްކުރަން އުޅޭ ދެ ވިސާއަކީ ވަނީ މީޓިން ވިސާ އާއި ކޯޕަރޭޓް ރެޒިޑެންޓް ވިސާ އެވެ.

މިހާރު އޮންނަ ގޮތުންނަމަ ދިވެހިންނާއި ކައިވެނި ކޮށްގެން އުޅޭ ބިދޭސީންގެ ވިސާ ކޮންމެ އަހަރަކު އާ ކުރަން ޖެހެ އެވެ. ނަމަވެސް އެގޮތް މިހާރު ބަދަލުކޮށް ދިވެއްސަކާ ކައިވެނިކޮށްގެން ދަރިޔަކު ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ހާލަތުގައި ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ ނިޔާވެފައިވާ ހާލަތުގައި، އޭނާގެ ދަރިންނާ އެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދަ، ކޮންމެ ފަސް އަހަރަކުން އާ ކުރަން ޖެހޭ ގޮތަށް ކަނޑައަޅަން ވަނީ އިސްލާހުކޮށްފަ އެވެ. އިސްލާހުގައިވާ ގޮތުންނަމަ  ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން އަލަށް ރެސިޑެންޓް ވިސާއަށް އެދި ހުށަހަޅާ ފަރާތެއް ނަމަ އެއް އަހަރު ދުވަހުގެ މުއްދަތަށް އެފަރާތަކަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކުރަން ވާނެ އެވެ.

އަދި  ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ރަޖިސްޓްރާ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމެންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސް ފަރާތެއް އަދި އެއިން ފަރާތެއްގެ އާއިލާގެ މެންބަރެއް ރާއްޖޭގައި ވަޒީފާ އަދާ ކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައެއްގެ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ބޭންކެއްގައި250،000 އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށާއި ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250،000 އެމެރިކާ ޑޮލަރު އިންވެސްޓްކޮށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް އެ ހުއްދަ ދޭން ވާނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.

އަލަށް ތާއަރަފްކުރި މީޓިން ވިސާއަކީ ކަސްޓަމްސްގެ ކޮންޓްރޯލާ ކަނޑައަޅާ ގޮތެއްގެ މަތިން ރަޖިސްޓްރާ އޮފް ބިޒްނަސަސް ގަބޫކުކުރާ ވިޔަފާރިއަކާ ގުޅުން ހުރި ބައްދަލުވުމެއް ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް، ނުވަތަ އެނޫންވެސް ފަރާތަކުން އިންތިޒާމުކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން، ބާއްވާ ބައްދަލުވުމެއް، ނުވަތަ ކޮންފަރެންސެއް، ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ދެވޭ ހުއްދައެއް ކަމަށް ތަޅުމަށް ހުށަހެޅި ބިލުގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް