އަންނަ ސީޒަނަށްފަހު ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިޓަލީގެ ނޫސްތަކުން ބުނީ، އަންނަ ސީޒަނަށްފަހު ޔުވެންޓަސްއާއެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން އިތުރަށް އާ ނުކުރަން ނިންމާފައިވާ ކަމަށާއި، އޭނާ އަންނަ ސީޒަނަށްފަހު އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށެވެ.
ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު 2018 ވަނަ އަހަރު ރޮނާލްޑޯ ޔުވެންޓަސްއާ ގުޅިފައިވާއިރު، އޭނާ ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން މި ސީޒަން ނިންމާލުމަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލުމަކީ އެކަށީގެން ވާކަމެކެވެ. ނަމަވެސް އޭނާ ބަދަލުވާނީ ކޮން ޓީމަކަށް ކަމެއް އަދި ކަށަވަރު ނުވިނަމަވެސް ރިޕޯޓުތަށްބުނާ ގޮތުން ރޮނާލްޑޯ ދިއުން އެންމެ ގާތީ ފްރާންސްގެ ޗެމްޕިއަންސް ޕީއެސްޖީ އަށެވެ.
ރިޕޯޓުތަށް ބުނާގޮތުން ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން ވިސްނާ އެންމެ ބޮޑު އެއް ސަބަބަކީ އޭނާގެ މިހާރު ކުލަބުން އޭނާއާ ދޭތެރޭ ކަންތައް ކުރާ ގޮތުންނެވެ. އެގޮތުން ފަހަކަށް އައިސް ރޮނާލްޑޯގެ އަގު ވައްޓާލުމަށް އިޓަލީގެ ބައެއް ކުރީގެ ތަރިން މީޑިއާގައި ދައްކާ ވާހަކަތަށް ހިމެނެއެވެ.
ދާދި ފަހުން އިޓަލީގެ ޔުވެންޓަސްއަށް ކުރިން ކުޅުނު ޑިފެންޑަރ ބްރޫނޯ ވެސް ވަނީ ރޮނާލްޑޯ އަކީ ބޮޑާ މީހެއް ކަމަށް ބުނެ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ރޮނާލްޑޯ އިޓަލީ ލީގުގައި ކުޅުނުނަމަވެސް އިޓަލީއަށް ރޮނާލްޑޯ އެއްވެސް އިޙުތިރާމްއެއް ނުކުރާ ކަމަށެވެ. އެހެންކަމުން ރޮނާލްޑޯ ފާހަގަވަނީ ބޮޑާ މީހެއްގެ ގޮތުގައިކަމަށް ބްރޫނޯ ބުނެފައިވެއެވެ.
މީގެ އިތުރުން ކުލަބުން ވެސް ރޮނާލްޑޯއަށް ފަހަކަށް އައިސް މާ އަހައްމިޔަތު ކަމެއް ނުދޭ ކަމަށް ރޮނާލްޑޯ ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. އެހެން ކަމުން ރޮނާލްޑޯ އޭނާ ޔުވެންޓަސްއާއި އެކު ހަދާފައިވާ އެއްބަސް ނިމުނުހާ އަވަހަށް ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމށް ރިޕޯޓުތަށް ބުނެފައިވެއެވެ.
ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން ކެރިޔަރުފެށި ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. ޔުނައިޓެޑުން ރޮނާލްޑޯ ބަދަލުވީ ރެއާލް އަށެވެ. އޭނާ އަކީ ރެއާލްގެ ތާރީހުގައިވެސް އެންމެ ގިނަލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ވާއިރު، އޭނާ ވަނީ އެޓީމަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފައެވެ.
ރެއާލްއާއެކު ހަތަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ ރޮނާލްޑޯ ވަނީ އެޓީމާއެކު ތިން ކްލަބް ވޯލްޑް ކަޕް އަދި ދެ ލީގު ތަށިވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެޓީމަށް ކުޅުނު 438 މެޗުގައި 450 ލަނޑު ކާމިޔާބުކޮށްފައެވެ.
ޔުވެންޓަސްއަށް ބަދަލުވެ ރޮނާލްޑޯ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 67 މެޗުގައި 57 ލަނޑު ކާމިޔާބުކޮށް، އިޓާލިއަން ސެރިއޭ 3 ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން އިޓާލިއަން ސުޕަކަޕްވެސް އެޓީމާއެކު ކާމިޔާބުކޮށްފައެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައވާ ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު 156 މެޗުގައި 85 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ޔޫރޯވެސް އެޓީމާއެކު ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް