ށ. ފަރުކޮޅުގައި އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލްކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ސަރުކާރާއި އަރާމް ޓްރެވަލްސްއާ ދެމެދު ވަނީ ފަރުކޮޅު އެއާޕޯޓް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ތިމާވެއްޓަށް ގެއްލުން ލިބޭނެ ކަމަށް އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގައި ބުނެފައިވުމުން ސަރުކާރުން ވަނީ އެ މަޝްރޫއު ބާތިލްކޮށްފަ އެެވެ. އެއާޕޯޓުގެ އިތުރުން ސަރުކާރުން ވަނީ ގއ. އިންނަހެރާ އާއި އެރަށާ ގުޅިފައިވާ ރަށްތަކުގައި ރިސޯޓް ހަދަން 50 އަހަރަށް އަރާމް ޓްރެވަލްސްއަށް ކުއްޔަށް ދިިނުމުގެ އެއްބަސްވުން ވެސް ބާތިލްކޮށްފަ އެވެ.
އަރާމް ޓްރެވަލްސްއިން ދެކޭ ގޮތުގައި ސަރުކާރުން އެއްބަސްވުން ބާތިލްކޮށްލީ ގާނޫނާ ހިލާފަށެވެ. އެއްބަސްވުން ގާނޫނާ ހިލާފަށް ބާތިލް ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އަރާމް ޓްރެވަލްސް އިން ދައުވާ ކުރުމުން ސިވިލް ކޯޓުންނާއި ހައި ކޯޓުން ކުރިން ނިންމާފައިވަނީ ދެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ.
ހައި ކޯޓުގެ ނިންމުން އިސްތިއުނާފަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިއަދު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ އަޑު އެހުން ބާއްވާފަ އެވެ. އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް