ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހެލްތު ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވާ، ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުލާމުކުރުން ފިޔަވަހިތަކަށް ބަހާލައިގެން މަނާކުރުމަށް އެކަށައަޅާފައިވާ ...

08 Nov 2020 | 08:19

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހެލްތު ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވާ، ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުލާމުކުރުން ފިޔަވަހިތަކަށް ބަހާލައިގެން މަނާކުރުމަށް އެކަށައަޅާފައިވާ ޕްލޭންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ހެލްތު ކޮމިޓީގެ ފަރާތުން ވަނީ، މި ޕްލޭނުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަންއެއް ހުށަހަޅުއްވާފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމާއި، މިކަމާ ގުޅޭ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އެކު މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ކެމްޕޭނެއް ހިންގުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމައި މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މި ޕްލޭންގެ ދަށުން މި ވަގުތު ފެށެންހުރި މަސައްކަތްތައް ބައްލަވައި، އެ ކަންކަން ވީ އެންމެ އަވަހަކަށް ފެށުމަށް ހެލްތު ކޮމިޓީގެ މެންބަރުންނަށް އިރުޝާދު ދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް