ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން މިހާރު އޮތް އިލެކްޝަންސް ކޮމިޝަން ބަދަލު ކުރާނެ ކަމަށް އިދިކޮޅު ޕީއެންސީން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގައި ފަސް މެމްބަރުން ތިއްބަވާއިރު ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ފިޔަވާ ހުރިހާ މެމްބަރުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެތް ފަހުން މެމްބަރު ކަމަށް ހޮވިވަޑައިގެންފައި ތިއްބެވި ބޭފުޅުންނެވެ. ޝަރީފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅަކަށް ވިޔަސް މިދިޔަ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ނާކާމިޔާބު ވުމުން އިދިކޮޅުގެ ނުރުހުން ޝަރީފަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައި އެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބު ކައިރިވެފައިވާއިރު އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ނެތް ކަމަށެވެ. ޝުޖާއު ވިދާޅުވީ އީސީގެ އިތުބާރު ގެއްލުނީ އިންތިހާއަށް ތަފާތު ކުރުން ގެންގުޅޭތީ ކަމަށެވެ.
އިދިކޮޅުން ހިތްހަމަ ނުޖެހިފައިވަނީ ކެމްޕެއިން ކުރުމުގެ ފުރުސަތު ހަނިކަމުންނެވެ.
ޝުޖާއު ވިދާޅުވީ އެމްޑީޕީއަށް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި އެބައޮތް ކަމަށެވެ. އެ ކަމަކު އިދިކޮޅު ކޯލިޝަނުން ތިބެން ޖެހިފައިވަނީ ރަށު ބަންދުގައި ކަމަށެވެ.
އީސީން ބުނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިހާޜު ގަވައިދު އޮތް ގޮތުން މާލެ ސަރަހައްދުގައި ގިނަވެގެން އާންމު ތަނަކަށް އެއްވެވޭނީ 15 މީހުންނަށެވެ.
https://twitter.com/shuja3831/status/1325123592804212738
އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ މިއަދު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލު ކުރައްވާފައި އެވެ. އެ ބައްދަލު ކުރުމަކީ ކައުންސިލް އިންތިހާބުގެ ކެމްޕެއިނާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް