ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދޭ100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފި އެވެ.
ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާގެ ފޮރިން ސެކެޓްރީ ހަރީޝް ޝްރިންގްލާ މިއަދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި ދެ ގައުމުގެ ދެމެދުގައި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި 100 މިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއުގެ ފައިނޭންސްގެ ތެރޭގައި ހިމެނޭ އެހީއެއް ކަމަށެވެ.
ހިލޭ އެހީގެ އެއްބަސްވުމުގެ އިތުރުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައި-އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) އާ ގުޅޭ ދެ އެއްބަސްވުމެއްގައި ވެސް ސޮއިކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ރާއްޖޭގެ 67 ރަށެއްގައި ގާއިމްކުރެވޭ ކުޑަކުދިންގެ ޕާކަށް ބޭނުންވާ އިކުއިޕްމެންޓް ރަސްމީކޮށް ހަވާލުކުރުމާއި އިންޑިއާގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރެވެމުންދާ އެކުވެނި ޓްރެކް ބަލައިލުމަކީ ވެސް ހަރީޝް ޝްރިންގްލާ ދަތުރުގެ ބައެއް ކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ހައި ކޮމިޝަނުން އިތުރަށް ބުނީ، ދަތުރުގެ ތެރެއިން ސިޔާސީ ލީޑަރުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ފޮރިން ސެކްރެޓަރީއަށް ލިބިވަޑައިންނަވާނެ ކަމަށާއި އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ދެގައުމު ގުޅިގެން ކުރެވޭ ހުރިހާ ބައިލެޓަރަލް މަސައްކަތްތަކާ ގުޅޭ މަޝްވަރާ ކުރެއްވުމުގެ އިތުރުން ރާއްޖޭގެ މިނިސްޓަރުންނާ ހަރީޝް ޝްރިންގްލާ ބައްދަލުކުރައްވާނެ ކަމަށެވެ.
ހަރީޝް ޝްރިންގްލް ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށެވެ. މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މިނިސްޓަރު އަބްދުﷲ ޝާހު، މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުރުން މިނިސްޓަރު މާރިޔާ އަހުމަދާއި މިނިސްޓަރު މުހައްމަދު އަސްލަމާ އާއި ހަރީޝް ޝްރިންގްލް ބައްދަލުކުރައްވާނެ އެެވެ.
މިއީ 2020 ވަނަ އަހަރު ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މިފަދަ ފުރަތަމަ ބައްދަލުވުން ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް