އިތުރު 11 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރަން ފަށަނީ

ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 11 އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ. ޓޫރިޒަމް މިނިސްތްރީގެ ތަފާސް ހިސާބުގައި ދައްކާގޮތުން މިހާރު ރާއްޖެއަށް 15 އެއާ...

08 Nov 2020 | 06:52

ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 11 އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްތްރީގެ ތަފާސް ހިސާބުގައި ދައްކާގޮތުން މިހާރު ރާއްޖެއަށް 15 އެއާލައިނަކުން ދަތުރުކުރެ އެވެ. އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 11 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރާ ގޮތަށް ޝެޑިއުލް ކޮށްފައިވާކަމަށް ތަފާސް ހިސާބުގައި ވަނީ ބުނެފަ އެވެ.

ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެ ދަތުރު ކުރަން ނިންމާފައިވާ ބައެއް އެއާލައިންތަކަކީ، ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންސް، ނޯޑްވިންޑް، އަޒުރް އެއާ ރަޝިއާ، އެއާ ސީޝެލްސް، އަލިޓާލިއާ، އެއާ ފްރާންސް، އަޒުރް އެއާ ޔޫކްރެއިން އަދި ކޮރެއަން އެއާގެ އިތުރުން ނިއޯ ސްޕާގެ އާއި ގަލްފް އެއާ އެވެ.

ގަލްފް އެއާ އިން އަންނަ މަހުގެ 12 ގައި ދަތުރު ފަށާނެ ކަން އިއުލާނު ކޮށްފައިވާއިރު އެއާ ސީޝެލްސް އިން އަންނަ މަހުގެ ހަތަރަކުން ޖެނުއަރީ މަހުގެ ނުވަޔަކާއި ހަމައަށް ފިނި މޫސުމުގެ ޗުއްޓީ އަށް ހާއްސަ ދަތުުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އެއާ އެސްޓާނާ އިންވެސް ވަނީ ރާއްޖެއަށް ދަތުރު ފަށާނެކަން އިއުލާނުކޮށްފަ އެވެ. ކަޒަކިސްތާނުގެ ފްލެގް ކެރިއާ، އެއާ އެސްޓާނާ އިން ފިނި މޫސުމާ ދިމާކޮށް ފަށާ މި ދަތުރުތައް އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށަން ވަނީ ނިންމައިފަ އެވެ.

މިވަގުތު ރާއްޖެއަށް ދަތުރު ކުރަނީ ބްރިޓިޝް އެއާވޭސް، އިއްތިހާދު އެއާވޭސް، އެމިރޭޓްސް، ލުފްތަންސާ، އޮސްޓްރިއަން އެއާލައިންސް، ޓާކިޝް އެއާލައިންސް، ގަތަރު އެއާވޭސް، ފްލައި ދުބާއީ، އެޑެލްވައިސް، ގޯއެއާ، އިންޑިގޯ އަދި އެއާ އިންޑިއާ އާއި ސްރީލަންކަންގެ އިތުރުން އޭރޯފްލޯޓާއި ސްޕައިސްޖެޓް އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ރިޕޯޓެއް ބޭނުންވެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުގައި ވާގޮތުން މިހާތަނަށް ހަތަރު ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. މިހާތަނަށް އެންމެ ގިނަ ފަތުރު ވެރިން އައިސްފަައިވަނީ އެމިރޭޓްސް އެއާލައިންގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް