މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސ)ީއިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލައަށް މި ހަފްތާގައި ގޮތް ނިންމާނެ ކަމަށް ބެލެވޭ ކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ޝިފާއަކީ އޭނެގެ އާއިލާ މީހަކަށްވުމުން އެ މައްސަލައިން ތަނާޒުލްވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދަނީ ޑެޕިއުޓީ ޕީޖީ ކަމަށެވެ. އަދި ވިދާޅުވީ ޝިފާގެ މައްސަލައިގައި މި ހަފްތާގައި ގޮތެއް ނިންމޭނެ ކަމަށާއި އެ މައްސަލައިން ތަނާޒުލް ވެފައިވީމަ އެކަން ހިނގާ ގޮތުގެ މައުލޫމާތު ނުހޯދޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"މައްސަލައަކީ އަޅުގަނޑު ތަނާޒުލްވެފައި އޮތް މައްސަލައެއް. މާލެ ސިޓީގެ މޭޔަރު ޝިފާއަކީ އަޅުގަނޑު ދެބެންގެ ދެދަރި ބޭފުޅެއް. އެހެންވީމަ އަޅުގަނޑަށް އެ މައްސަލަ ބެލުމުގައި މަސްލަހަތު ފުށުއަރާނެތީ އަޅުގަނޑުވާނީ މައްސަލައިން ތަނާޒުލްވެފައި. އެ މައްސަލަ ކުރިއަށް ގެންދަވާނީ އަޅުގަނޑުގެ ޑެޕިއުޓީއަކަށް ހުންނަވާ ބޭފުޅާ. އަޅުގަނޑު ހިތުން މި ހަފްތާތެރޭގައި އެ މައްސަލައަށްވެސް ގޮތެއް ނިމިގެންދާނެ. އެ މައްސަލާގައި އަޅުގަނޑު ތަނާޒުލްވެފައި އޮތީމާ ބަލާކަށް ނުވެސް ކުރޭ، ނުވެސް ބަލަންވެސް އެ މައްސަލަ ކުރިއަށްދަނީވެސް" ޝަމީމް ވިދާޅުވި އެވެ.
ޝިފާގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތަކީ މާލޭ ނުޒިޔާރާތްކޮޅު އަޑި ޕާކުގެ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީ ކޮށްފައިވާ ޕާކްގެ މައްސަލައަކާއި ގުޅިގެންނެވެ. އޭސީސީން އެދިފައިވަނީ ސިފާގެ މައްޗަށް ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ދައުވާ އުފުލާ ދިނުމަށެވެ. އޭސީސީއިން ބުނެފައިވަނީ މާލޭ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ޕާކު ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ އިމާރާތްތައް ކަމަށްވާ ދެ ފާހާނާބަރި އާއި ތިން ހަޓާއި، ތިން އެންޓްރަންސް ކެނޮޕީ އާއި ލައިފްގާޑް ޓަވަރެއް ރެނޮވޭޓް ކުރުމާއި ގާޑަން ބްރިޖް ހަދައި އިންސްޓޯލް ކުރުންގެ މަސައްކަތްތަކުގެ ތެރެއިން ފާހާނާ ބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ ލިޔެކިޔުމެއް ވެސް ނެތި އަދި ވާދަވެރި ދެ ފުށްފެންނަ އުސޫލުން ނޫން ކަމަށެވެ. މި މަސައްކަތަށް ތިން ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅި ނަމަވެސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމީން ކޮންސްޓަރަކްޝަނާ ހަވާލު ކޮށްގެން ކުރުވާފައިވާ ކަމަށެވެ.
މީގެ އިތުރުން ސްރީލަންކާގެ ކުންފުންޏަކުން އެ ދެ ފާހާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެ ކަމަށް މާލޭ ޝިފާއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީ އެއްގައި ބުނެފައިވާއިރު ވަކި ކުންފުންޏަކާ މަސައްކަތް ހަވާލު ކުރުމަށް އެ ކުންފުނިން އެދިފައި ނުވެ އެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށް ވާތީ މަސައްކަތުގެ ތަފްސީލް އެނގެން ނެތުމުންނާއި ޖުމުލަ ތިން މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން ސިފާ ބިޑް ކޮމިޓީގައި އެދިފައިވާއިރު މަސައްކަތް ފެށިކަމަށް ބުނާ ތާރީހުގެ ފަހުން ވެސް ދެ ފާހާނާބަރި ހިމެނޭގޮތަށް އިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި ޝިފާ، ބިޑް ކޮމިޓީއަށް މެމޯ ފޮނުވާފައިވާ ވެ އެވެ. އަދި މި މައްސަލައިގެ ތަހުގީގު ފެށިފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފައިވީ ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާ ކަމަށް ވެސް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އެސީސީގެ ރިޕޯޓުގައި ވަނީ އެއީ ޝިފާ އަމީން ކޮންސްޓްރަކްޝަނަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.
އޭސީސީން އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް މައްސަލައާމެދު ގޮތެއް ނުނިންމާ ދިގު ދަންމާތާ މަސް ދުވަސްވަނީ ވެފަ އެވެ. އެކަމާމެދު އިދިކޮޅުން ދިޔައީ ވަރަށް ބޮޑަށް ޕީޖީއަށް ފާޑުު ވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް