ކަންނެތް ވުމަކީ އިންސާނުންނަށް ދިމާވާ ބަލިމަޑު ކަމެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ތިބާ ކުރާ ގިނަ ކަންތައްތަކެއް ވަކި ވަގުތަކަށް ނިންމަން ޖެހޭ ކަންތައްތަކެއް ނުކުރެވި ލަސްވެގެން ދިއުމުގެ އަސްލަކީ ކަންނެތްވުމެވެ. އޭގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ތިބާ ދިރިއުޅުމުގައި ކުރަން ޖެހޭ މުހިންމު ކަންތަކުގެ އިތުރުން ދީނީ ވާޖިބުތަކާއި ފަރުޟުތައް ހިމެނެއެވެ. މާ ބޮޑަށް ކަންނެތުމުގެ ސަސަބުން މިފަދަ ގިނަ ކަންތައްތަކެއް ނުކުރެވި ދިމުގެ ހިތާމަ ފަހުން ކުރަން ޖެހެނީ ކިތައް އަޚުންނާއި އުޚުތުންނަށް ބާވައެވެ.؟
ކަންނެތް ކަމަކީ ބަލިމަޑުކަމެއް ކަމަކަށް ވާއިރު، އެކަމުގެ ސަބަބުން ވަކި ވަގުތަކަށް ނިންމަން ޖެހޭ ތިބާގެ ދިރިއުޅުމުގެ މުހިންމު ގިނަ ކަންތައްތަކެއް ބޮއްސުންލައިގެން ދާ ކަމެއް ކަމަށް ވާއިރު، މިފަދަ ކަންތައް ދިމާވާ ސަބުތަކެއް ވެސް ހުރެއެވެ. އެގޮތުން ބައެއް ދީނީ ޢިލްމުވެރިންގެ ފަތުވާ ތަކަށް ނަޒަރު ހިންގާލާއިރު، އިންސާނާ މާގިނައިން ފާފަކުރުގެ ސަބަބެއްކަމުގައި ވެސް މިކަން ވެއެވެ. ފާފަކުރާ މިންވަރު އިތުރުވާ ވަރަކަށް މީހާގެ މާޔޫސްކަން އިތުރުވެ ކަންނެތްކަމަށް ވެއްޓިދާކަން ހާމަވެއެވެ.
އެހެން ކަމުން މިފަދަ ކަންކަމުން ދުރުހެލިވެ ހިއްވަރާއި އެކު ތިމާގެ ވާޖިބުތަކާއި ފަރުލުތަކުގެ އިތުރުން ތިބާގެ ދިރިއުޅުމުގެ އެހެނިހެން ކަންތައް ވެސް ބަރާބަރަށް އޭގެ ވަގުތުގައި ކުރެވޭތޯ މަސައްކަތް ކުރަން އެބަޖެހެއެވެ.
މާތްވެގެންވާ އިސްލާމްދީނުގައި ހެޔޮގޮތުގައި ވަގުތުތައް ހޭދަކުރުމަށް ނުހަނު ބޮޑަށް ބާރު އަޅައެވެ. ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް ޢަމަލީގޮތުން ދަސްކޮށްދެއްވާފައިވަނީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިއްމުކަމެވެ. ވަގުތަކީ އިންސާނާގެ ދިރިއުޅުމުގެ ކޮންމެ ޙާލަތެއްގައި ވަރަށް މުހިއްމު ބަހާއެކެވެ. ކީރިތި ރަސޫލާ ބަޔާންކުރައްވާފައިވާ ގޮތުގައި ސިއްޙަތު ސަލާމަތުން ހުރުމާއި، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ ގިނަ ބަޔަކު ފަރުވާކުޑަ ކުރާ ދެ ނިޢުމަތެވެ. އިސްލާމްދީނުގައި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބާރު އަޅާފައިވާ މިންވަރު ހާމަކޮށްދޭ އެއްކަމަކީ، ބައެއް ވަގުތުތައް ގަންދެއްވައި ކީރިތި ޤުރުއާނުގައި މާތް ﷲ ބަސް ވަޙީކުރައްވާފައިވުމެވެ.
ވަގުތަކީ އިންސާނުންނަށް މާތް ﷲ ދެއްވާފައިވާ މަތިވެރި ނިޢުމަތެކެވެ. ގިނަ ފަހަރު އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތެއްގެ މުހިއްމުކަން އިޙްސާސްކުރެވެނީ އެ ނިޢުމަތެއް އަޅުގަނޑުމެންގެ އަތުން ބީވެ ދިއުމުންނެވެ. ދެބަސްވެވެން ނެތް ޙަޤީޤަތަކީ، ހުސް ވަގުތުގެ ބޭނުން އޭގެ ހެޔޮގޮތުގައި އަޅުގަނޑުމެންނަށް އަދާ ނުކުރެވިއްޖެނަމަ، މާޔޫސްކަން ހިތަށްވެރިވެ ކަންނެތް ކަމުގެ ބަލި އަށަގަތުން ގާތެވެ. އެކަމަކީ އަޅުގަނޑުމެންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ބަލިކަށިކަން ކުރިމަތި ކުރުވާނެ ކަމެކެވެ.
ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކަންނެތް ކަމުގެ ބަލިން ސަލާމަތް ވެ ދިރިއުޅުމުގެ ހަރުފަތްތައް ގިރާކުރުމުގައި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ބޭނުންތެރިކަމެކެވެ. ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރަންޖެހުމަކީ، ކަންނެތްވުމަށް ހުޅުވާލެވޭ ދޮރަކަށް ހެދިއްޖެނަމަ، އަޅުގަނޑުމެން ހުށަހެޅިގެން އެދަނީ އަބާއްޖަވެރިކަމުގެ ޙަޔާތަކަށެވެ. ވެއްޓިގެން އެދަނީ ދެރައާއި ހިތާމައިގެ އަނދަވަޅަކަށެވެ. ވީމާ މިކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރުން ބުއްދިވެރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް