ކަރަންޓީން ވާން ޖެހޭ ގޮތަށް އަތޮޅު ތެރެއަށް ދަތުރުކުރުން އާންމުކޮށް ހުޅުވާލައިފި

މާލެއިން އަތޮޅުތެރެއަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުޔެއް ދީފި އެވެ. ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން މިހާތަނަށް ކަރަނ...

08 Nov 2020 | 05:33

މާލެއިން އަތޮޅުތެރެއަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުޔެއް ދީފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން މިހާތަނަށް ކަރަންޓީން ވާގޮތަށް އަތޮޅުތެރެއަށް ދަތުރު ކުރެވެނީ ތިން ކެޓަރީއަކަށް ފެތޭ މީހުންނަށެވެ. އެއީ ބޭސް ފަރުވާއަށް މާލެ އަންނަ މީހުން، ރަސްމީ ބޭނުންތަކުގައި މާލެއިން އަތޮޅުތެރެއަށް ދާ މީހުން އަދި މާލޭގައި ދިރިއުޅޭ ތަން ދޫކޮށްލަން ޖެހިގެން ދިރިއުޅުން ރަށަށް ބަދަލު ކުރަން ޖެހޭ މީހުންނަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމުގައި ބުނެފައިވަނީ ރެއިން ފެށިގެން އާންމުކޮށް ހުރިހާ އެންމެންނަށްވެސް އަތޮޅު ތެރެއަށް ދަތުރު ކުރެވޭނެ ކަމަށެވެ. އެކަމަކު ރަށުގައި 14 ދުވަހުގެ ހޯމް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

މާލެއިން އަތޮޅުތެރެއަށް ދަތުރު ކުރެވޭނީ އެޗްޕީއޭގެ ހުއްދަ އާއި އެކު އެވެ. އެ ހުއްދަ ހޯދަން ޖެހެނީ ހާލުބަލާ ޕޯޓަލް މެދުވެރިކޮށް ކަމަށް އެންގުމުގައި ބުނެފައިވެ އެވެ.

ރަށްރަށް ގޮސް ކަރަންޓީން ވާން ޖެހޭ އުސޫލަށް ބަދަލު ގެނެސްފައި ނުވަނީ އަތޮޅު ތެރެއަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށެވެ. އަތޮޅުތެއަށް ދަތުރު ކުރުމުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލަށް ބަދަލު ގެނެސްފައި މިވަނީ ކުރިޔަށް އޮތް ސްކޫލް ބަންދާއި ދިމާކޮށް އަތޮޅު ތެރެއަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އާންމުންގެ ޝަކުވާ އިތުރުވެފައި ވަނިކޮށެވެ.

މިފަހަކަށް އައިސް އަތޮޅުތެރެއަށް ކަރަންޓީންވާން ގޮސް ތިބި މީހުންގެ ތެރެއިން ކޯވިޑަށް ޕޮސިޓިވްވަނީ ވަރަށް މަދު މީހުންނެވެ.

މިވަގުތު އަތޮޅުތެރޭގައި ކޯވިޑަށް ޕޮސިޓިވް މީހުން ތިބީ 13 ރަށެއްގައި އެވެ. އެ ރަށްރަށުގައި ހޯމް ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ހަތަރު ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް