ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ދަށުން މާލޭ ސިޓީގައި ކާފިއު ހިންގާ ވަގުތައް ބަދަލު ގެނެސްފި އެވެ.
އެޗްޕީއެއިން ބުނީ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ހިންގާނީ ރޭގަނޑު 12:00 ން ފަތިހު 4:00 އަށް ކަމަށެވެ. މީގެ ކުރިން ކާފިއު ހިންގީ ރޭގަނޑު 10:00 ން ފަތިހު 5:00 އަށެވެ.
ފިޔަވަޅުތަކަށް ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި މާލޭ ސިޓީގައި އެއް ފަހަރާ އާންމު ތަންތަނުގައި އުޅެވޭ މީހުންގެ އަދަދު ވަނީ15 އަށް އިތުރު ކޮށްފައި އެވެ. ކުރިން އާންމު ތަންތަނުގައި ގިނަވެގެން އެއްކޮށް އުޅެވެނީ ފަސް މީހުންނަށެވެ.
މީގެ އިތުރުން މާލެއިން އަތޮޅުތެރެއަށް ހުރިހާ ފަރާތްތަކަށް ކަރަންޓީން ވާގޮތަށް ދެވޭގޮތަށް ގައިޑްލައިނަށް ބަދަލު ގެނައުމާއި މާލޭގައި އައުޑްޑޯ ކުޅިވަރު ކުޅުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވެ އެވެ.
މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމީ ކޯވިޑްގެ ކޭސްތައް ފެންނަލެއް މަދުވުމުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ޑީރެކްޓާ ޖެނެރަލް އޮފް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމުގައި ވަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކާއި ކަނޑު ދަތުރުތަކުގައި މާސްކު އެޅުން މަޖުބޫރުކޮށްފައި އެވެ.
މި އެންގުން އަންގާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް