ރާއްޖޭގައި ޒަހަމްވި ނިއުޒިލެންޑް ރައްޔިތަކު އެ ގައުމަށް ނުގެންދެވިގެން މަންމައަކު އާދޭސްކުރަނީ !

ރާއްޖޭގައި އޮތް ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި އުޅެނިކޮށް ދިމާވި ހާދިސާއެއްގައި ޒަހަމްވެ ވައަތަށް އަނިޔާތަކެއް ލިބިފައިވާ ނިއުޒިލެންޑް ރައްޔިތަކު އެ ގައުމަށް ނުގެންދެވިގެން ޒަހަމްވި މީހާގެ މަންމަގެ ...

08 Nov 2020 | 01:36

ރާއްޖޭގައި އޮތް ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި އުޅެނިކޮށް ދިމާވި ހާދިސާއެއްގައި ޒަހަމްވެ ވައަތަށް އަނިޔާތަކެއް ލިބިފައިވާ ނިއުޒިލެންޑް ރައްޔިތަކު އެ ގައުމަށް ނުގެންދެވިގެން ޒަހަމްވި މީހާގެ މަންމަގެ އާދޭހާއި އިހުސާސްތައް އެ ގައުމުގެ މީޑިއާއަށް ބަންޑުންކޮށްލައިފިއެވެ.

ޖޫލީ މިލްހާމް ނަމަކަށްކިޔާ އެ އަންހެންމީހާ ބުނެފައިވާގޮތުގައި އުމުރުން 27 އަހަރުގެ، އޭނާގެ ފިރިހެންދަރިއަށް އެފަދަ އަނިޔާއެއް ލިބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައެވެ. ބޯޓުގައި މަސައްކަތުގައި އުޅެނިކޮށް ވަލެއް އޭނާގެ ވައަތުގައި އޮޅި ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެވުނު ނަމަވެސް ވައަތުގެ ހަރަކާތް އެއްކޮށް ގެއްލި، ނުކުޅެދޭ މީހަކަށްވުމުގެ ފުރުސަތު އޮތްކަމަށް އޭނާގެ މަންމަ ބުނެފައިވެއެވެ.

އެހެންކަމުން އޭނާގެ މަންމަ އެދެނީ އޭނާގެ ދަރި، ބޭސްފަރުވާއަށް އެ ގައުމަށް ގެންދިއުމަށެވެ. ފްލައިޓުން ޓިކެޓު ނެގި ނަމަވެސް ފްލައިޓަށް ނޭރުވީ "މެނޭޖްޑް އައިސޮލޭޝަން ވޯޗަރު" ނުލިބިގެން ކަމަށް ބުނެފައިވެއެވެ.

ކޮވިޑުގެ މި ހާލަތުގައި އެ ގައުމަށް އެތެރެވާން، މެނޭޖްޑް އައިސޮލޭޝަން ވޯޗަރު ބޭނުންވެއެވެ. މިލްހާމް ބުނެފައިވާގޮތުގައި ކްރިސްމަހާއި ދިމާކޮށް ޗުއްޓީއަށް ދާން ބުކްކޮށްފައިވާ ފަތުރުވެރިންނަށް އެ ވޯޗަރުތައް ވަނީ ބުކްކޮށް ނިންމާފައެވެ. ނަމަވެސް އެމަޖެންސީ 2000 ވޯޗަރު އޮންނާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވާއިރު އެ ދެ ހާހުންވެސް އޭނާގެ ދަރިއަށް ފުރުސަތު ނުލިބިގެން އުޅޭކަން އޭނާ ފާހަގަކޮށްފައިވެއެވެ.

މިލްހާމް ބުނެފައިވަނީ އޭނާގެ ދަރި މަޑުކޮށްގެންހުރީ ފްލައިޓްތައް ފުރާ، ޖައްސާ މަންޒަރު ފެންނަ ހޮޓަލެއްގައި ކަމަށާއި ބޭސް އަޅާ، ބޭސް ކެއުމުގެ ކަންކަން ކުރިއަށް އެ ގެންދަނީ އަމިއްލައަށް ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ދަރިއަކު އިންނައިރު މަންމައަކަށް ކެތްކުރަން އުނދަގޫ ކަމަށާއި ނަމަވެސް ނިއުޒިލެންޑުގެ ސަރުކާރުގައި މިކަމަށް އާދޭސްކޮށްކޮށްވެސް ހައްލެއް ލިބިފައިނުވާކަމަށް އޭނާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް