ކޮލަމް ސައްލާ: ލާމަރުކަޒީ ކުރުން – ވޯޓަށް ދައްކާ ކުލަނެތް ހުވަފެން

ލޯކަލްކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާޗްމަހު ބާއްވަން ތައްޔާރުވަމުން އަންނަކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކެމްޕޭން ކުރެވޭނެ ކަމަށްވެސް ...

08 Nov 2020 | 00:58

ލޯކަލްކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާޗްމަހު ބާއްވަން ތައްޔާރުވަމުން އަންނަކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކެމްޕޭން ކުރެވޭނެ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. މި ވާހަކަތައް ދެއްކުމާއި ގުޅިގެން ދެން ފެންނާނެ ކަންތައްތަކާއި ދޭތެރޭ ވިސްނާލަން އެންމެ ބުނާސަބު ވަގުތަކީ މިއީއެވެ.

އަނެއްކާވެސް ލާމަރުކަޒީ ހުވަފެން ދެއްކުން

ލާމަރުކަޒީ ކުރުމުގެ ފޮނި ހުވަފެނަކީ ރައީސް މައުމޫނު އިރުއްސުރެން އަތޮޅުތެރޭ ރައްޔިތުންނަށް ސަރުކާރުތަކުން ދައްކަމުން އަންނަ ހުވަފެނެކެވެ. ރައީސް ނަޝީދު ވެސް އެ ހުވަފެން ދެއްކިއެވެ. ރައީސް ވަހީދު އާއި ރައީސް ޔާމީނުވެސް މެއެވެ. އެހެނަސް އެއީ އިންތިޚާބުތަކުގައި ވަކިން ޚާއްސަކޮށް ލޯކަލްކައުންސިލް އިންތިޚާބުގައި ވޯޓް ހޯދުމަށް ދައްކާ ދަޅައެއްކަން މިހާރު ގަބޫލުކުރެވެއެވެ. ތެދެކެވެ. ލާމަރުކަޒީ ކުރުމުގެ ގޮތުން ރައްޔިތުންގެ ލޮލުގައި އަނދުންއެޅުވުމަށް ނަމަވެސް ބައެއް ކަންތައްތައް ކުރެވިފައި އެބަހުއްޓެވެ. ލާމަރުކަޒީ ގާނޫނެއް ވުޖޫދު ކުރެވިއްޖެއެވެ. ކުރީގެ އެޓޯލްސް މިނިސްޓްރީ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ނަމަށް ރީބްރޭންޑް ކުރެވިއްޖެއެވެ. އެހެނަސް ހަގީގީ މާނައިގައި ލާމަރުކަޒީ އެއް ނުކުރެވެއެވެ. އަދި ވެސް ކަމެއް ނިންމަން ޖެހިއްޔާ ފުރަތަމަ ރަށު ކައުންސިލުން އަތޮޅު ކައުންސިލުން ސިޓީ ފޮނުވަންވީއެވެ. އެތަނުން ލޯކަލްގަވަރުމެންޓް އޮތޯރިޓީ އަށް ކުޑަ ސިޓީ ހައްދަން ފޮނުވަންވީއެވެ. އެތަނުން އަނެއްތަނަށް ސިޓީ ފޮނުވަންވީއެވެ.

އެހެނަސް އިންތިޚާބާ ދިމާކޮށް އަނެއްކާވެސް ލާމަރުކަޒީގެ ލަވައިގެ އަޑު ގަދަވާނެއެވެ. ރައްޔިތުން ގުނބޯ ހެއްދުން މެކުހަން ޖަހާނެއެވެ.

ނަޖިސް ފެނުން ފެންވެރުން

އަތޮޅުތެރޭ ބައެއް ރަށްރަށުގައި ފެންވަރަނީ ނަޖިސް ފެނުންނޭ ބުނުމަކީވެސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އަމިއްލައަށް ޖަންކްޝަން ހަދައި ބިމުން ނަގާ ފެން ތަޤައްޔަރުވެފައިވާ މިންވަރު އެއީ ސާފުކޮށް އެނގޭ މިންވަރެއް ނޫނެވެ. އަސާސީ ސިއްހީ ހިދުމަތެއް ނުލިބެއެވެ. މި އިހްސާސް އޭސީ ކޮޓަރީގައި އިންނަވާ ސިޔާސީ ވެރިންނަކަށް ނުކުރެވެއެވެ. ކުރެވޭނީވެސް ކިހިނަކުން ތޯއެވެ. އެއާޓެކްސީގައި ނުވަތަ ލޯންޗްގައި ކެމްޕޭނަށް ރަށަށް ވަޑައިގެން މަދު މިނިޓްކޮޅުގެ ޖަލްސާއަކުން ރައްޔިތުންގެ އަސްލު ހާލެއް ނޭނގޭނެއެވެ. ދެން އެ ރަށަށް ވަޑައިގަންނަވަނީ އަނެއްކާވެސް ދެން އޮންނަ އިންތިޚާބަކަށެވެ. މިކަން ބަދަލުވާން އެބަޖެހެއެވެ. މާލޭ ސަރުކާރުން މާލޭގައި އެކަނި ބުރިޖާއި ބިލްޑިންއަކަށް ފަހު ބިލްޑިން އެއް އެޅިޔަސް ނުނިމެއެވެ. އާންމު ރައްޔިތު މީހާއަށް ވެސް އަސާސީ ހިދުމަތްތައް އޭނާ ދިރިއުޅޭ ރަށުން ލިބެންޖެހެއެވެ. ސަރުކާރުން ނަގާ ލޯނެއް ނަގަނީ އޭނާ ވެސް ޒިންމާވާގޮތަށެވެ. ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތައް ޖީއެސްޓީ އާއި އެހެނިހެން ނަމުގައި  އޭނާ ވެސް ދައްކައެވެ. އޭނާ އަށް ވެސް ހައްގުތަކެއް އޮންނާންޖެހެއެވެ. ނަޖިސް ފެނުން ފެންވެރުން ޔަގީނުންވެސް އެއީ ހައްގު މިންވަރެއް ނޫނެވެ.

ކުދި ރަށްރަށަށް އަޅާނުލުން  

މިވެސް ކޮންމެ ސަރުކާރެއްގައި ވެސް ފެންނަ މަންޒަރެކެވެ. އާބާދީ މަދު ރަށްތައް ތަރައްގީގެ ޗާޓުން އެއްކައިރި ކޮށްލެވެނީ އެވެ. ތެދެކެވެ. ކުދި ރަށްރަށުގައި ހުރިހާ ކަމެއް ކުރުމަކީ 'އެކަނޮމިކަލީ ފީސިބަލް' ކަމަކަށް ނުވެދާނެއެވެ. ބޮޑެތި ބަނދަރާއި ސްކޫލާއި ހޮސްޕިޓަލްތައް ނެހެދިދާނެއެވެ. އެހެނަސް އަސާސީ ހިދުމަތްތައް ލިބެންޖެހެއެވެ. އެހެންނޫނީ އެހެން ރަށަކަށް ބަދަލުވުމުގެ ފަސޭހަ ނިޒާމެއް ގާއިމުކުރަންޖެހެއެވެ.

ތިމާގެ ޕާޓީ ޒިންމާދާރުކުރުވާ

އަތޮޅު ތެރޭ ތަރައްގީ ނުވުމުގައި އަތޮޅު ތެރޭ ރައްޔިތުންގެ ވެސް އިހުމާލު އެބައޮތެވެ. ވަކިން ޚާއްސަ ކޮންމެ ރަށެއްގައި އޮންނަ ނުފޫޒް ގަދަ ގްރޫޕެވެ. އެމީހުން ތާއީދުކުރާ ޕާޓީން ޖަހާ ކޮންމެ ބެރަކަށް ނަށާ ބަޔަކަށް އެމީހުންވެގެންނުވާނެއެވެ. ޕާޓީއަށް ވޯޓް ހޯދަން އިސްކޮށްއުޅޭ އުސޫލުން ޕާޓީން ވީވައުދުތައް ފުއްދަން ޕާޓީ އަށް އަދި ސަރުކާރަށް ޕްރެޝަރުކުރަންޖެހެއެވެ. އެރަށަކަށް ކުރަން ވައުދުވިކަމަކާއި އެރަށަށް ބޭނުންޖެހިފައިވާ ކަންތައް ކުރަން އެ މީހުން މަސައްކަތް ކުރަންޖެހެއެވެ. ތިމާ ތާއީދުކުރާ ޕާޓީގެ ލީޑަރު ޖަލަށްލުމުން އޭނަ މިނިވަންކުރަން މާލޭގައި އޮންނަ މުޒާހަރާއަށް ދިއުމަކުން ނުފުދެއެވެ.

ރަށްވެހި ފަތިސް އަށް އަލިވިލޭނެބާ؟

ދެން އޮތީ ބޮޑު އެއް ސުވާލެވެ. ރަށްވެހި ފަތިހަކަށް އަލިވިލޭނެ ބާވައެވެ. ނޫނީ ރަށްވެހި ފަތިހަށް އަލިވިލޭނެ ކަމުގެ އިންތިޒާރުގައި ހުއްޓާ ހުޅަގު ފަރާތުން އިރުއަރާނީ ބާވާއެވެ. އެހެނަސް އެ ސުވާލުގެ ޖަވާބު ދެވޭނީ ރައްޔިތުންނަށެވެ. ސަރުކާރުން ވިދާޅުވީމަ ވިދާޅުވާގޮތެއް ހަދައިގެން ތިބި ޒަމާން ފާއިތުވެއްޖެއެވެ. އަތޮޅުތެރެއަށް ހައްގު މިންވަރު ދޭށެވެ. އެހެންނޫނީ އަތޮޅު ތެރެއަށް، އަހަރަމެންގެ ރާއްޖެތެރެއަށް ވޯޓް ހޯދަން ނާންނާށެވެ. ލާމަރުކަޒީ ކުރުމަކީ އަހަރަމެންގެ ވޯޓަށްޓަކައި ދައްކާ ކުލައެއް ނެތް ހުވަފެނެއްކަން މިހާރު އެނގެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް