މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މައްޗަށް ޖައްސައިފި

ދަރަނި އަދާކުރުމުގައި ހޯދި ކާމިޔާބީތަކާއި ބޭރު ފައިސާގެ ރިޒާވް ވަރުގަދަވެފައިވާތީ، ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް އިން ރާއްޖޭގެ ސޮވްރިން ރޭޓިން ސީއޭއޭ2 އިން ސީއޭއޭ1 އަށް މަތިކޮށް، އަ...

08 Oct 2026 | 10:55
ފިނޭންސް މިނިސްޓްރީ --

ފިނޭންސް މިނިސްޓްރީ --

ދަރަނި އަދާކުރުމުގައި ހޯދި ކާމިޔާބީތަކާއި ބޭރު ފައިސާގެ ރިޒާވް ވަރުގަދަވެފައިވާތީ، ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް އިން ރާއްޖޭގެ ސޮވްރިން ރޭޓިން ސީއޭއޭ2 އިން ސީއޭއޭ1 އަށް މަތިކޮށް، އައުޓްލުކް ސްޓޭބަލްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ރޭޓިން މަތިކުރުމުގައި މޫޑީޒް އިން ބެލި މައިގަނޑު ކަންކަމުގެ ތެރޭގައި މި އަހަރު ހިންގި ބޮޑެތި ދަރަނި ދެއްކުމުގެ މުޢާމަލާތްތައް ހިމެނެއެވެ. އެގޮތުން، އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި ޚަލާޞްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ނިންމުމާއި، މެއި އަދި ސެޕްޓެމްބަރުގައި ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް އަދާކުރުން ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑެއް ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރާ ހަމައަށް ދިގުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

2024 ވަނަ އަހަރުން ފެށިގެން ބޭރު ފައިސާއާ ގުޅޭ ގޮތުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ބެލެންސް ބޮޑުވެފައިވާ ކަމަށް އެ މިނިސްޓްރީން މޫޑީޒް އާ ހަވާލާދީ ހާމަކޮށްފައިވެއެވެ. ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ލިބުނު އެހީތެރިކަމުގެ ގޮތުން، ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރާއި، އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރާ އެކު ޖުމްލަ 130 މިލިއަން ޑޮލަރު ސަރުކާރުން ހޯދައިފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2025 ވަނަ އަހަރު ނިމުނު އިރު ޖީޑީޕީގެ ނިސްބަތުން %129.2 ގައި ހުރި ދައުލަތުގެ ދަރަނި، 2026 ޖުލައި ނިޔަލަށް %122.6 އަށް ތިރިވެފައިވެއެވެ. ހަރުދަނާ ފިސްކަލް ސިޔާސަތުތަކާއި ދަރަނި އަދާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ކަމުގައި އެ މިނިސްޓްރީން ސިފަކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ހަކަތައިގެ އަގު އުފުލުން ފަދަ ގޮންޖެހުންތަކަށް ސަމާލުވެ ތިބެ، ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ރައްކާތެރިކުރުމާއި ދައުލަތުގެ ހޭދަ ބަޖެޓުގެ އިމުގެ ތެރޭގައި ހިފެހެއްޓުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އިސްކަމެއް ކަމަށެވެ. މިއީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ރޭޓިން ސީއޭއޭ2 އަށް ދަށްކުރި ފަހުން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް