އީފާހަށް އަހުލުވެރިކުރަން ހުޅުމާލޭގައި ހަރަކާތްތަކެއް ބާއްވަނީ

އީފާސް ޕްލެޓްފޯމާ ގުޅޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް (އެމްޑީއެސް) އިން އެޗްޑީސީއާ ގުޅިގެން މި ހަފުތާ ބަންދުގައި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި މޮބައިލް ހެލްޕްޑެސްކް ސެޝަނ...

08 Oct 2026 | 09:42
އީފާސް އެޕަށް އަހުލުވެރިކުރަން ހިންގި ހަރަކާތްތަކުގެ ތެރެއިން --

އީފާސް އެޕަށް އަހުލުވެރިކުރަން ހިންގި ހަރަކާތްތަކުގެ ތެރެއިން --

އީފާސް ޕްލެޓްފޯމާ ގުޅޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް (އެމްޑީއެސް) އިން އެޗްޑީސީއާ ގުޅިގެން މި ހަފުތާ ބަންދުގައި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި މޮބައިލް ހެލްޕްޑެސްކް ސެޝަންތައް ބާއްވަން ނިންމައިފިއެވެ.

އީފާސް އަކީ ރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ރައްޔިތުންނަށް ސަރުކާރުގެ އޮންލައިން ޚިދުމަތްތައް ހޯދޭ އިރު، ޑިޖިޓަލް އައިޑީ ކާޑާއި ބަޔޯމެޓްރިކް ފޭސް ވެރިފިކޭޝަނާއި ޕާސްވޯޑް ނުޖަހައި ޕޯޓަލްތަކަށް ވަދެވޭ ގޮތް މިހާރު ވަނީ ޤާއިމުކޮށްފައެވެ. އަދި އަމިއްލަ މަޢުލޫމާތު ޚިދުމަތްދޭ ފަރާތްތަކަށް ހިއްސާކުރާ މިންވަރު ކޮންޓްރޯލް ކުރެވޭނެ ފީޗާއެއް ވެސް ހިމެނެއެވެ.

ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޑީމެޑް (ޑިޖިޓަލް މޯލްޑިވްސް ފޯ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން) ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މި ހެލްޕްޑެސްކް ސެޝަންތައް އޮންނާނީ 9 އޮކްޓޫބަރު 2026 ވާ ހުކުރު ދުވަހު ހިޔާ ޕާކުގައި، އަދި 10 އޮކްޓޫބަރު 2026 ވާ ހޮނިހިރު ދުވަހު ސެންޓްރަލް ޕާކުގައި (އުރީދޫ އިމާރާތް ކުރިމަތި) ކަމަށް އެމްޑީއެސް އިން ބުނެފައިވެއެވެ. ދެ ދުވަހު ވެސް ހަރަކާތް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށެވެ.

މި ސެޝަންތަކުގައި އީފާސް ރަޖިސްޓްރީ ކުރުމާއި ފޭސް ވެރިފިކޭޝަން ހެދުމާއި އެކައުންޓާ ގުޅޭ މައްސަލަތައް ހައްލުކޮށްދިނުމުގެ އިތުރުން، ޑިޖިޓަލް ޚިދުމަތްތައް ހޯދާނެ ގޮތް ދަސްކޮށްދޭނެއެވެ. ޚިދުމަތް ހޯދުމަށް ދާ އިރު މުއްދަތު ހަމަނުވާ އައިޑީ ކާޑު ގެންދަން ޖެހެއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ދެ ސެޝަން 19 އޮގަސްޓުގައި ކުޅުދުއްފުށި ސިޓީގައި އަދި 9 ސެޕްޓެމްބަރުގައި ދ. ކުޑަހުވަދޫގައި ވަނީ ބާއްވައިފައެވެ. ސަރުކާރުގެ "މޯލްޑިވްސް 2.0" ތަސައްވުރުގެ ދަށުން، ޑިޖިޓަލް ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް އެމްޑީއެސް އިން ދަނީ މި ފަދަ ހަރަކާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް