މާލެ އާއި ތިނަދޫ ސިޓީ ކައުންސިލުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލޭ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާ ދެމެދު ރައްޔިތުންނަށް ފައިދާ ކުރާނެ ދާއިރާތަކުން އެކީގައި މަސައްކަތްކުރުމުގެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުގެ އިދާރާގައި ބޭއ...

08 Oct 2026 | 07:51
ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާ ދެމެދު ރައްޔިތުންނަށް ފައިދާ ކުރާނެ ދާއިރާތަކުން އެކީގައި މަސައްކަތްކުރުމުގެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމާއި ތިނަދޫގެ މޭޔަރު ސައުދު ޢަލީއެވެ.

އެއްބަސްވުމާއި ގުޅޭގޮތުން މޭޔަރު އާޒިމް ވިދާޅުވީ ދެ ސިޓީގެ މުވައްޒަފުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުމާއި، ދެ ސިޓީގެ ވިޔަފާރި ކުރިއެރުވުމާއި، ވަސީލަތްތައް ހިއްސާކުރުން ފަދަ ގިނަ ކަންތައްތަކެއް އޭގައި ހިމެނޭ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި މިފަދަ އެއްބަސްވުންތައް އިތުރު ސިޓީތަކާއި ކައުންސިލުތަކާ އެކުވެސް ހެދުމަކީ އެ މަނިކުފާނު އުންމީދުކުރައްވާ ކަމެކެވެ. އެކަމުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޓެކްނޮލޮޖީގެ ދަށުން އަޅުގަނޑުމެން އުފައްދާ ބައެއް އެޕްލިކޭޝަންތައް ހިއްސާކުރެވިގެންދާނެ އެއްބަޔަކު އަނެއް ބަޔަކަށް. ވަރަށް މުހިއްމު އެއްޗެހި އެބަހުރި. އަޅުގަނޑުމެން އުފައްދާ އެއްޗެހި ސިޓީ ކައުންސިލުތަކަށް، ރަށު ކައުންސިލުތަކަށް ހިއްސާ ކުރެވިގެންދާނެ އަގަކާ ނުލާ. އަދި ހަމަ އެހެންމެ، އެ ބޭފުޅުން އަތުގައި ހުންނަ އެއްޗެހި ވެސް އަޅުގަނޑުމެން އުއްމީދު ކުރަނީ ލިބޭނެ ކަމަށް،" އާޒިމް ވިދާޅުވިއެވެ.

ތިނަދޫގެ މޭޔަރު ސައުދު ވިދާޅުވީ މި ފަހުމުނާމާގެ ނަތީޖާއެއްގެ ގޮތުން ދެ ސިޓީގެ ރައްޔިތުންނާއި ކައުންސިލުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. ސައުދު ވަނީ ރައްޔިތުންގެ ލާބައަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކުން އެހެން ކައުންސިލުތަކުންވެސް މިސާލު ނެގުމަށް ގޮވައިލައްވައިފައެވެ.

މި ފަހުމުނާމާގެ ދަށުން ދެ ކައުންސިލުން ގުޅިގެން ކުރާ މަސައްކަތްތައް ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ދެ މޭޔަރުންވެސް ދެކެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް