އައުގާފް އިންވެސްޓްމަންޓްގެ ބޯޑު އެކުލަވައިލައިފި - މެނޭޖިން ޑިރެކްޓަރަކަށް ޔާމީން އިދުރީސް

ރާއްޖޭގެ އައުގާފް މުދާ ތަރައްގީކޮށް ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުފެއްދެވި މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވައިލައި، މެނޭޖިން ޑިރެކްޓަރުގ...

08 Oct 2026 | 06:23
N/A

N/A

ރާއްޖޭގެ އައުގާފް މުދާ ތަރައްގީކޮށް ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުފެއްދެވި މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވައިލައި، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޔާމީން އިދުރީސް އައްޔަންކުރައްވައިފިއެވެ.

އެ ކުންފުނީގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ހަމަޖައްސަވާފައިވަނީ އައްސައިހް އިއްޒައްދީން އަދުނާނެވެ. ޔާމީން އިދުރީސް މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގެންނެވިއިރު، ބޯޑުގައި އިތުރު ފަސް މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އެއީ ހުސައިން ޝާމް އާދަމާއި، ޑރ. މުހައްމަދު ޝުޖާއުއާއި، މަރްޔަމް ނިހާޔަތާއި، އަބްދުﷲ އަލީ އަދި މުހައްމަދު ހިލްމީއެވެ.

މި ކުންފުންޏަކީ 12 ސެޕްޓެމްބަރު 2026 ގައި ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި ގަރާރަކުން ގާއިމުކުރެއްވި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ކުންފުނީގެ އިބްތިދާއީ ރައުސްމާލެއްގެ ގޮތުގައި 6.485 މިލިއަން އެމެރިކާ ޑޮލަރު ކަނޑައެޅިފައިވާއިރު، އެ ރައުސްމާލު ބެހިގެން ދަނީ 100 ހިއްސާއަށެވެ. އެ ކުންފުނީގެ މަސައްކަތްތަކަށް ސަރުކާރުން މާލީ ގެރެންޓީ ދެއްވާ ގޮތަށް ވެސް ވަނީ ނިންމަވައިފައެވެ.

އެ ކުންފުނީގެ މައިގަނޑު މެންޑޭޓުގެ ތެރޭގައި ހިމެނެނީ އައުގާފް މުދަލުން ލިބޭ ފައިދާ ބޭނުންކޮށްގެން ދީނީ ކަންކަމަށް ދާއިމީ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މިސްކިތްތައް ބިނާކޮށް މަރާމާތުކޮށް އާބާތުރަ ފިލުވުމެވެ. އޭގެ އިތުރުން މިސްކިތްތަކަށް ބޭނުންވާ ޒަރޫރީ ވަސީލަތްތައް ހަމަޖައްސައި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، އިސްލާމީ ޝަރީއަތާ ފުށުނާރާ ދެމެހެއްޓެނިވި ވިޔަފާރީގެ ހަރަކާތްތައް ހިންގައި އިންވެސްޓްކުރުން ވެސް އެ ކުންފުނީގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް