N/A
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީން މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ދޭ އެވޯޑުތަކުގެ ތެރެއަށް އަންހެން މަސްވެރިންނަށް ހާއްސަ އެވޯޑެއް އިތުރުކޮށް، ހަތަރު ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިފަހަރު އަލަށް ގެނައި ބަދަލަކީ "ހިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު" ގެ ނަމުގައި ވަކި ކެޓެގަރީއެއް ހެދުމެވެ. މި އެވޯޑު ލިބޭނީ އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ އަންހެނުންނަށެވެ.
ދެން ހިމެނޭ ތިން އެވޯޑަކީ 35 އަހަރުން ދަށުގެ ފަރާތްތަކަށް ދޭ "އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު"ގެ އެވޯޑާއި، 35 އަހަރުން މަތީގެ ފަރާތްތަކަށް ދޭ "އެންމެ ތަޖުރިބާކާރު ކެޔޮޅު"ގެ އެވޯޑާއި، "ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު" އެވެ. ޒުވާން ކެޔޮޅާއި ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ޝަރުތެއް ކަމުގައި ކަނޑައަޅާފައި ވަނީ އާމްދަނީ ހޯދުމަށް މަސްވެރިކަން ނޫން އެހެން މަސައްކަތެއް ނުކުރުމެވެ. ފަރުމަސްވެރިޔާގެ އެވޯޑު އަމާޒުކޮށްފައި ވަނީ އާމްދަނީގެ މައިގަނޑު ވަސީލަތެއްގެ ގޮތުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށެވެ.
މި ހުރިހާ އެވޯޑަކަށް ވެސް އަމިއްލައަށް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ނަން ހުށަހެޅޭނެއެވެ. ފޯމު ބަލައިގަތުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ބާއްވަން ނިންމާފައި ވަނީ މާލޭގައެވެ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ރ. ދުވާފަރުގައި ފާހަގަކޮށްފައިވާއިރު، އެ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް