ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ: ރައީސް އޮފީސް
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ގެ ތާއީދާ އެކީގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިއުލާންކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ސިޔާސީ މަސްރަޙު ވަރަށް ބޮޑަށް ދިރާސާކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތަށް ފަހު ޕްރައިމަރީއަށް ނުކުންނެވުމަށް ނިންމެވީ ކުރީގެ ރައީސް ސޯލިހާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، އެ މަނިކުފާނުގެ "ވަރަށް ބޮޑު އެއްބާރުލުމެއް އޮވެގެން" ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވަނީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.
ކުރީގެ ރައީސް އިބޫއަށް ތަޢުރީފުކުރައްވައި ފައިސަލް ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ގިނަ ހިދުމަތްތަކެއް އަދި ގިނަ މަސައްކަތްތަކެއް ކޮށްދިންކަން ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ގަބޫލު ކުރާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި މަސައްކަތަކީ އުނދަގޫ ކަމެއް ކަމަށާއި، ރެއާއި ދުވާލު ހުއްޓުމެއް ނެތި ބުރަކޮށް މަސައްކަތް ކުރެވޭނެ ވަރުގަދަ ޓީމެއް ބޭނުންވާ ކަމަށެވެ.
އެ ޕްރޮގްރާމުގައި ފައިސަލާ އެކު ބައިވެރިވެވަޑައިގެން އާޒިމް ވިދާޅުވީ ފައިސަލްގެ ރަނިން މޭޓަކަށްވާން ލިބުނު ދައުވަތު ގަބޫލްކޮށް އެކުގައި ކުރިޔަށްދާން ނިންމަވާފައިވާ ކަމަށެވެ. އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަމެއްގައި އެ ޕާޓީގެ ރައީސާއި ނައިބު ރައީސަކު ތިއްބެވުމަކީ ނުހަނު މުހިންމު ކަމެކެވެ. އިބޫގެ ސަރުކާރުގައި ދެ ބޭފުޅުން ވެސް ޕްރޮފެޝަނަލްކޮށް އެކުގައި މަސައްކަތްކުރެއްވި ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
ފައިސަލްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި، ކުރީގެ ރައީސް ޢަބްދުﷲ ޝާހިދާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދެވެ.
މި ހަތަރު ބޭފުޅުންގެ ވާދައާ އެކު 2028 ގެ އެމްޑީޕީ ޕްރައިމަރީ ފޯރިގަދަ ވާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް