މައްސަލަ ބަލައި ޝަރީއަތް ކުރިޔަށް ޖަލަށް ލާންޖެހޭ އެއްވެސް ސަބަބެއް ނެތް: ޔާމީން

މައްސަލަ ބަލައި ޝަރީއަތަށް ހުށަހަޅިޔަސް ޖަލަށް ލެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ. ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ އައ...

08 Oct 2026 | 04:23
ކުރީގެ ރައީސް ޔާމީން އައްޑޫ ސިޓީގައި -- ފޮޓޯ: ޕީއެންއެފް

ކުރީގެ ރައީސް ޔާމީން އައްޑޫ ސިޓީގައި -- ފޮޓޯ: ޕީއެންއެފް

މައްސަލަ ބަލައި ޝަރީއަތަށް ހުށަހަޅިޔަސް ޖަލަށް ލެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އައްޑޫ ރައްޔިތުން އެންމެ ގިނައިން ކުރެއްވި ސުވާލަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން ހިމެނޭނެތޯ އާއި، އޭގެ ކުރިން އަނެއްކާވެސް ބަންދުކުރާނެތޯ ކަމަށެވެ. ޖަވާބުގައި ޔާމީން ވިދާޅުވީ ކިތަންމެ ވަރަކަށް މައްސަލަ އުފައްދައި ޝަރީޢަތަށް ހުށަހެޅި ނަމަވެސް، ޖަލު ޙުކުމެއް ކުރެވޭނެ ޤާނޫނީ ސަބަބެއް ނޯންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހުރިހާ ކަމެއް ތަވައްކުލް ކުރައްވަނީ މާތް ﷲ އަށް ކަމަށާއި، އިންތިހާބުގައި ވާދަ ކުރެއްވޭނެތޯ ނުވަތަ ނޫންތޯ ސުވާލަށް ޖަވާބު ދޭން ނޭނގޭ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، ރައްޔިތުން ބިކަވަމުންދާއިރު ސަރުކާރާ ގާތް ފަރާތްތައް މުއްސަނދިވެ، ދިވެހި ތާރީޚުގައި ވެސް ނުދެކޭ ފަދަ އިޤުތިޞާދީ ތަދުމަޑުކަމެއް ކުރިމަތިވެފައިވާ ކަމަށެވެ. ތަކެތީގެ އަގު އުފުލުމާއި ޑޮލަރުގެ ދަތިކަމުން ކުދި ވިޔަފާރިތަކާއި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓަރުންގެ މަޖިލީހުގައި ރައީސް މުޢިއްޒުގެ ނިންމެވުންތަކާ މެދު ބަހެއް ބުނެލެވޭ ވަރުގެ ވަޒީރަކު ނެތް ކަމަށާއި، ކޮފީ މޭޒުތަކުގައި ސަމާސާއަށް ވާހަކައެއް ދެއްކި މިނިސްޓަރުން ވެސް މަޤާމުން ދުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އައްޑޫގެ ޒުވާނުން އެދެނީ ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުޞަތު ކަމަށް ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ވަކިވަކި ފަރުދުންނަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ބަދަލުގައި މުޅި މުޖުތަމަޢުގެ ތަރައްޤީއަށް ސަރުކާރުން އިސްކަންދޭން ޖެހޭ ކަމަށެވެ. ހަމައެހެންމެ، ފުލުހުންނާއި ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދެވަނަ ދައުރެއް ހޯދުމުގެ ވިސްނުން ދޫކޮށްލެއްވުމަށް ސަރުކާރަށް ގޮވާލެއްވިއެވެ.

މި ޖަލްސާގައި ޔާމީން ވަނީ ވާދަވެރި ފަރާތްތަކަށް ވެސް ރައްޔިތުންގެ ގާތަށް ވަޑައިގެން ވާދަކުރެއްވުމަށް ދަޢުވަތު ދެއްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް