ދުލުގެ އާފާތްތަކުން ސަލާމަތްމަގަކީ ހަނުހުރުމެވެ.

ދުލަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެކެވެ. މި ގުނަވަނުގެ ކުޑަކަމާއެކުގައިވެސް އޭގެ ބޭނުން ނުހަނު ބޮޑުވެގެންވެއެވެ. އެއިން ކުރެވޭ އަޅުކަންވެސް އެހާމެ ބޮޑުވެފައި މުހިންމުވެގެން ...

08 Oct 2020 | 15:28

ދުލަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެކެވެ. މި ގުނަވަނުގެ ކުޑަކަމާއެކުގައިވެސް އޭގެ ބޭނުން ނުހަނު ބޮޑުވެގެންވެއެވެ. އެއިން ކުރެވޭ އަޅުކަންވެސް އެހާމެ ބޮޑުވެފައި މުހިންމުވެގެން ވެއެވެ. ހަމަ އެފަދައިން ގުނަވަނުން ކުރެވޭ ފާފަތައްވެސް އެހާ ގިނަވެފައި ނުރައްކާތެރިކަން ބޮޑުވެގެންވެއެވެ.

ދޫ ރައްކާތެރިކުރުމުގައި ފަރުވާކުޑަކުރާ މީހުން ވަރަށްވެސް ގިނައެވެ. ނުވަތަ އެކަމަށް ސަމާލުކަމެއް ނުދީ ތާއަބަދު ދުލުން ފާފަކުޅައުމުގައި ވަގުތުތައް ހޭދަކުރަނީ ކިތައް މީހުން ހެއްޔެވެ! ދުލުގެ އާފާތްތައް ވަރަށްވެސް ގިނަވެގެންވެއެވެ. އެކަންކަމުން ސަލާމަތްވުމުގެ މަގަކީ ހަނުހުރުމެވެ. ހަނު ހުރެއްޖެ މީހާ ނަޖާވެއްޖެ ކަމުގައި ރިވާވެގެންވެއެވެ.

ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނު ހަދީޘްކުރައްވާފައިވެއެވެ. " مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ" متفق عليه މާނައީ: "މާތްﷲއަށާއި ގިޔާމަތް ދުވަހަށް އީމާންވާ މީހަކު ހެޔޮބަހެއް ނޫނީ ނުބުނާށެވެ. ނުވަތަ ހަނުހުންނާށެވެ."

ދޫ ރައްކާތެރިކުރާށެވެ! ހައްގު ބަހެއް ނޫނީ ދުލުން ނުބުނާށެވެ. ބާތިލު ވާހަކަތަކުން އެއްކިބާވާށެވެ. އޭރުން ތިބާއަށް ތެދުވެރި އެކުވެރިން ލިބޭނެތެވެ. ޣީބަ ބުނުން ފަދަ ފާފަތަކުން ރައްކާތެރިވެވޭނެއެވެ. މަޑުމޮޅިކަން ދަސްވާނެއެވެ.

ދެކެވޭ ވާހަކަ ބެހިގެންދަނީ ހަތަރު ބަޔަކަށެވެ. އެއީ މުޅީން ހެޔޮލަފާ ވާހަކައެވެ. މިފަދަ ހެޔޮބަސްތައް ބުނުމަކީ ސަވާބު ލިބޭކަމެކެވެ. ނޫނީ މުޅީން ގޯސް ވާހަކަތަކެވެ. މިފަދަ ވާހަކަތަކުން އެއްކިބާވުން ލާޒިމުވެގެންވެއެވެ. ނޫނީ ގޯސް ވާހަކަތަކާއި ނުބައި ވާހަކަތަކެވެ. ނުބައި ކަންކަން ހިމެނިފައިވާ ކޮންމެ ކަމަކާއި ދުރުހެލިވުން މޮޅު އިތުރުވެގެން ވެއެވެ. ނުވަތަ ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނެތް ވާހަކަތަކެވެ. ބޭކާރު ވާހަކަ ދެއްކުމަކީ ވަގުތު ނަގައިލުމެވެ. ވަގުތު ނަގައިލުމަކީ ތިމާގެ އުމުރު ބޭކާރުކޮށްލުމެވެ. މިކަމުންވެސް އެއްކިބާވުން ލާޒިމުވެގެންވެއެވެ.

ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާ މުހައްމަދުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެމީހެއްގެ ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށް ބޭއްވޭނޭކަމުގެ ޔަގީންކަން ދޭ މީހާ ސުވަރުގެ ވަންނާނޭކަމުގެ ޔަގީންކަން އެކަލޭގެފާނު ދެއްވާފައިވެއެވެ.

މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ޝައިޚް ހަސަންމޫސާ ފިކުރީ ދޫރައްކާތެރި ކުރުމާއި ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުމަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް