ހއ. އުތީމު ޔުނައިޓެޑު (ޔޫޔޫ) ގެ ފަރާތުން އުތީމު ބަންޑާރައިންގެ މިސްކިތަށް ބައެއް ތަކެތި ހަދިޔާ ކޮށްފި އެވެ.
އެ ޖަމިއްޔާގެ 7 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހަދިޔާކޮށްފައި ވަނީ މިސްކިތުގެ ވޯކްވޭގެ ލައިޓާއި އައުޓްޑޯރ ލައިޓް އަދި މިސްކިތުގެ ގަސްތަކަށް ފެންދިނުމަށް ފެންހޮޅި އެވެ.
މި ތަކެތި އުތީމު ކައުންސިލާއި ހަވާލުކޮށްފައިވަނީ މިއަދު އެވެ.
އުތީމު ކައުންސިލުން ބުނީ އުތީމު ބަންޑާރައިން މިސްކިތު ވޯކްވޭ ގައާއި މިސްކިތު ގޭޓް ލައިޓް ގެ އިތުރުން މިސްކިތު ގޯތި ތެރޭގަ ފެން ހޮޅި އެޅުމުން މިސްކިތުގެ ފުރިހަމަ ކަން އިތުރުވެގެން ގޮސްފައިވާކަމަށެވެ. އަދި އެތަކެތި ހަދިޔާ ކުރިކަމަށްޓަކައި އެ ޖަމިއްޔާއަށް ޝުކުރު އަދާކުރާ ކަމަށެވެ.
އުތީމު ޔުނައިޓެޑްއިން ބުނީ އެ ޖަމިއްޔާގެ އެންމެ ބޮޑު މަޤްޞަދަކީ އުތީމުގެ ތަރައްޤީއަށް މަސައްކަތް ކުރުން ކަމަށާއި މި ހަރަކާތަކީ ޖަމިއްޔާގެ އިޖްތިމާއީ ހަރަކާތްތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ.
މިކަމުގައި ޖަމިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތަކަށް ޖަމިއްޔާގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރުރެއް އަދާކުރާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު މި ޖަމިއްޔާއިން ވަނީ "އަލްމަރުޙޫމް ރަޝާދު ޙުސައިން މެމޯރިއަލް ސްކޮލަރޝިޕް" ގެ ނަމުގައި މިއަހަރު 5 ކުދިންނަށް ފުރުސަތު ހުޅުވާލާފައެވެ.
2013 ވަނަ އަހަރު އުފައްދާފައިވާ އެ ޖަމިއްޔާ އިން އަންނަނީ ގްރީން ޕްރޮޖެކްޓްގެ ދަށުން އުތީމުގައި 1،000 ރުއް އިންދުމާއި ފުޓުބޯޅަ މުބާރާތްތަކާއި ކުޑަކުދިންގެ ހަރަކާތްތަކާއި ޢީދުގެ މުނާސަބަތު ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައިވެސް ބައިވެރިވަމުން ނެވެ.
މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން މުޅި ދިވެހިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފުނަ ޕްރޮގްރާމުން މުޅި ހއ. އަތޮޅުން 1 ވަނަ ލިބިފައިވަނީ ވެސް އުތީމު ޔުނައިޓެޑަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް