ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އަށް ބޭންކް އެކައުންޓު ފްރީޒް ކުރަން ކޯޓު އަމުރު ނެރުނީ ރަނގަޅަށް ނޫން ކަމަށް ސުުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ބުނެ، ރައީސް ޔާމީންގެ އަށް އެކައުންޓެއް ފްރީޒް ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ މިދިއަ އަހަރު ކުރީކޮޅު އެވެ.
އެ ފައިސާ ނުހިފަހައްޓައިފިނަމަ އޭގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް ގެއްލުންވެދާނެ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުުން ވަނީ އެ އަމަރު ބާތިލުކޮށްފައިވާތީ، ދައުލަތުން ވަނީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ. ސުޕްރީމް ކޯޓުން ކަނޑައެޅީ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒްކުރީ ރަނގަޅަށް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޔާމީންގެ އެކައުންޓްތައް ޕްރީޒް ކުރަން ކްރިމިނަލް ކޯޓުގައި އެދުނީ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅިގެން ކަމަށެވެ. އެހެން ކަމުން އިސްލާމިކް ބޭންކުގައި އޮތް އަށް އެކައުންޓާ އެ މުއާމަލާތްތަކާ ގުޅުމެއް އޮތް ކަމަށް ދައުލަތަށް ކޯޓުގައި ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް