ދިވެހި ހަރުބަހެއްގައި އޮވެ އެވެ؛ "ބޮޑު ދެ ގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެ އެވެ." ރާއްޖޭގެ ހާލަތަށް ބަލާއިރު، މިއީ ހަމަ ވަރަށް މުނާސަބު ބަހެކެވެ!
ޗައިނާ އަކީ ދުނިޔޭގެ ނިސްބަތުން ދެ ވަނަ އަށް އެންމެ ބޮޑު އިގްތިސާދެވެ. އެންމެ ބާރަށް ކުރިއެރުމުގެ އިތުރަށް، މިޑްލް ކްލާސްގެ މުއްސަނދިކަން އެންމެ ބޮޑަށް އިތުރުމުވަމުން އަންނަ އެއް އިގްތިސާދު ވެސްމެ އެވެ. މުޅި ދުނިޔޭގެ ކާރުހާނާ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ބޮޑު ލޮޅުމުގެ ތެރެއިން ވެސް އެންމެ ބާރަށް އަރައިގަންނަމުން އަންނަ އިގްތިސާދެއް އޮތީ ޗައިނާގަ އެވެ.
އިންޑިއާ އަކީ ދުނިޔޭގެ ނިސްބަތުން ފަސް ވަނަ އަށް އެންމެ ބޮޑު އިގްތިސާދެވެ. އެންމެ އާދައިގެ ބޭނުންތައް ވެސް ނުފުދޭ "ރޫރަލް" ދިރިއުޅުމަކުން "އާބަން" ދިރިއުޅުމަކަށް ބަދަލުވާ އާބާދީގެ ނިސްބަތް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ގައުމެވެ. އާއްމުންގެ ޖީބަށް ވަންނަ ފައިސާ އިތުރުވެ، ހޭދަކުރާ މިންވަރު ވެސް ބާރަށް ކުރިއަރަމުން އަންނަ އާބާދީ އެއް އިންޑިއާގައި އެބައޮތެވެ. އެކަމަކު، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ވަޅުޖެހި، ބޮޑެތި އިގްތިސާދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިގްތިސާދީ ކުރިއެރުން ވެއްޓުނު ގައުމަކަށް އިންޑިއާ ވަނީ ވެފަ އެވެ.
ޗައިނާ އާއި އިންޑިއާއާ ހިލާފަށް ރާއްޖެ އަކީ ދުނިޔޭގެ އެންމެ ކުޑަ އެއް ގައުމެވެ. އެ ދެ ގައުމާއި ރާއްޖެ އެއްވެސް ގޮތަކުން އަޅައެއް ނުކިޔޭނެ އެވެ. މި ދައްކަނީ ހަތަރު ލައްކައެއްހާ މީހުން އުޅޭ، ކުޑަކުޑަ ޖަޒީރާ ގައުމަކާއި މިލިއަނުން، ބިލިއަނުން އާބާދީ އޮތް ދުނިޔޭގެ ބޮޑު ދެ ބާރުގެ ވާހަކަ އެވެ. އެކަމަކު، ކިތަންމެ ކުޑަޔަސް، ކިތަންމެ މީސްކޮޅު މަދަސް، ރާއްޖެ އަކީ މި ސަރަހައްދުގައި މުހިއްމު ގައުމެކެވެ. ގުދުރަތީ ގޮތުން ރާއްޖެ އޮތް ސަރަހައްދަކީ ސްޓްރެޓީޖިކް ގޮތުން މުހިއްމު ތަނެކެވެ. އަހަރެމެންނަށް މި ތިބެވެނީ އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި މުދާ ބަރުކޮށްގެން ބޮޑެތި ބޯޓުފަހަރު ދަތުރުކުރާ މެރިޓައިމް ރޫޓެއްގެ މެދުގަ އެވެ.
ޗައިނާ އަށް ރާއްޖެ މުހިއްމުވާ މައިގަނޑު ސަބަބަކީ އެއީ އެވެ. އިރުމަތިން ފެށިގެން ހުޅަނގާ ހިސާބަށް ދެމިގެންދާ ގޮތަށް، ޒަމާނީ "ސިލްކް ރޫޓެއް" ގާއިމްކުރުމަށް ޗައިނާ އިން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގައި ރާއްޖެ އަކީ އެ ޗޭނުގެ މުހިއްމު ބޮޅެކެވެ. ސިނަމާލެ ބްރިޖަކީ، އިގްތިސާދީ ގޮތުން ބާރުގަދަވަމުން އަންނަ ޗައިނާގެ ވިޔަފާރި ފުޅާކުރުމަށް ހުޅުވާލެވޭ ދޮރެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމަށް ކޮށްފައިވާ އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް ވެސް ފެތެނީ އެ ގޮޅިއަށެވެ.
އިންޑިއާގެ ބޭނުމަކީ ޗައިނާގެ ނުފޫޒަށް ހުރަސްއެޅުމެވެ. "އިންޑިއަން ސަބްކޮންޓިނެންޓް"ގެ ނަމުން މަޝްހޫރުވެފައިވާ އަދި އިންޑިއާގެ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ޒަމާނުއްސުރެ ބަލަމުން އަންނަ ދެކުނު އޭޝިއާ ސަރަހައްދުގައި ޗައިނާ އަތްގަދަކުރާ ތަން ބަލަން އިންޑިއާ އަށް ކެތެއް ނުވާނެ އެވެ. ޗައިނާ އިން ދޭ ލޯނާއި އެހީއާ އަޅާކިޔާލެވޭ ވަރުގެ އަދަދުތަކުން ލޯނާއި އެހީ ދޭން އިންޑިއާ މިހާރު ފޫގަޅާފައި ވަނީ، އެއީ އެ ގައުމަށް ވެސް ކުރެވޭނެ ކަމެއްކަން ދެއްކުމަށެވެ.
ބޮޑު ދެ ބާރުގެ ތެޅުމުގެ ތެރެ އަށް ރާއްޖެ މަޑުމަޑުން ވަންނަމުން އައިސް މިހާރު ހަމަ ރަނގަޅަށް ވެސް އޭގެ ތެރޭގައި ތާށިވެއްޖެ އެވެ. މި ތެޅުންގަނޑު ގޮސް ނިމެނީ އިރުމައްޗާއި ހުޅަނގުގެ ޒަމާންވީ ހަނގުރާމައާ ހިސާބުންނެވެ!
ޗައިނާ އާއި އިންޑިއާގެ ތެޅުންގަނޑުގެ ތެރެއިން ރާއްޖެ އަށް ފަސޭހަތަކެއް ލިބިގެން ހިނގައްޖެ އެވެ. ރާއްޖެ އަށް ލިބޭ އެއްޗަކުން ކުރަން ތިބޭ ނަމަ ނުވާނެ އެތައް ކަމެއް މިދިޔަ ހައެއްކަ އަހަރުގެ ތެރޭގައި ކުރެވިއްޖެ އެވެ. އިންފްރަސްޓްރަކްޗާ ބޮޑެތި މަޝްރޫއުތަކެއް ހިންގައިފި އެވެ. މޮޅު ސައިކަލާއި ކާރުގައި ހިތްހަމަޖެހިލައިގެން ދުއްވާލާފައި ޖެހިގެން އޮންނަ ރަށަށް ދެވޭ ގޮތް ވެއްޖެ އެވެ. އާ ރަންވޭ އަކަށް ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯޓު މަރުހަބާ ކިޔައިފި އެވެ.
ބަލައިލަން ކިތަންމެހާ ވެސް ރީއްޗެވެ. ރައްޔިތުންނަށް ފަސޭހަ ވެސް އެބަވެ އެވެ. ބޭރު ފުށުން ބަލާލާއިރު އެއްވެސް މައްސަލައެއް ނެތެވެ.
ބޮޑެތި ލޯނުތައް ނަގައިގެން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ފައިދާ އެކި ސިފަސިފައިގައި ރައްޔިތުންނަށް ކުރާނެ އެވެ. ސިނަމާލެ ބްރިޖެކޭ އެއްގޮތަށް، ތިލަފުއްޓާއި ގުޅީފަޅު މާލެއާ ގުޅުވާލުމުން އެތައް ބަޔަކަށް ފަސޭހަ ވާނެ އެވެ. ޒަމާނުއްސުރެ ވިޔަފާރިވެރިންގެ ޝަކުވާތައް ފުނިޖެހިފައިވާ މާލޭ ވިޔަފާރި ބަނދަރު އެހެން ތަނަކަށް ބަދަލުކޮށް، ޖާގައިގެ ގޮތުން އެތައް ގުނައެއް ތަނަވަސްކޮށް، ވަސީލަތްތަކުގެ ގޮތުން ވެސް ފެންވަރު މަތިކުރުމަކީ ބޮޑެތި ވިޔަފާރިތަކަށް ވެސް ލިބޭނެ އުފަލެކެވެ. އޭގެ ފައިދާ ކޮންމެވެސް ސިފައެއްގައި އާއްމު ރައްޔިތު މީހާއާ ހަމައަށް ވެސް ފޯރާނެ އެވެ.
މިހާރު ވެސް މިސްރާބު ޖަހާފައި ހުރީ ހަމަ އެ ދިމާލަށެވެ. މި ސަރުކާރުން ވެސް މަޝްރޫއުތައް އެބަ ހިންގަ އެވެ. އިންޑިއާ އިން ނަގާ ލޯނާއި ޗައިނާ އިން ނަގާ ލޯނުތަކުގައި ވަރަށް ބޮޑު ތަފާތެއް ހުންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް، އާހިރު ނަތީޖާ އަކީ ހަމަ އެއް ކަމެކެވެ. ކޮންމެ ކަމެއް ކުރަނީ އެތައް މިލިއަން ރުފިޔާއެއްގެ ލޯނު ނުވަތަ އެހެން ގޮތަކުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. މިފަހަރު ތަފާތަކީ ދަރަންޏަށް ފައިސާ ދޭ ފަރާތެވެ. ބަދަލުވީ ފައިސާ ހޯދާ ގޮތެވެ.
ރާއްޖޭގެ ހާލަތު އޮތީ ކުރިން ވެސް އޮތް ގޮތަށް ނުވަތަ އެ އަށް ވުރެ ވެސް ދަށުގަ އެވެ. ދައުލަތުގެ ދަރަނި ހުރީ އާސްމާނުގަ އެވެ. ބޭރުގެ ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު މިއިން ޒަމާނަކު ނުދާ ވަރަށް ވަނީ މައްޗަށް ގޮސްފަ އެވެ. ބޮލަކަށް ޖެހޭ ދަރަނީގެ މިންވަރު ހުރީ ފިތްކަނޑައިގެން ދާ ހިސާބުގަ އެވެ. ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީ އިންތިހާ އަށް ދަށަށް ގޮސްފައިވާއިރު، ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި އާއްމު ހަރަދުތައް ފޫބައްދަން ވެސް ދަރަންޏަށް ފައިސާ ނަގަން ޖެހިފައިވާ މި ދަނޑިވަޅުގައި މިއީ އަދި ނިމުމެއް އޮތް ކަމެއް ވެސް ނޫނެވެ.
ދަރަންޏަށް ފައިސާ ނެގުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ދުނިޔޭގެ މާލީ ނިޒާމު ބިނާވެފައި ވަނީ ވެސް ދަރަނީގެ މައްޗަށެވެ. އިންވެސްޓަރުން އަތުން ފަހުން ދައްކާ ގޮތަށް ފައިސާ ނަގައިގެން ވިޔަފާރިކޮށް، އޭގެ ތެރެއިން ލިބޭ ފައިދާ އިން ދަރަނި އަނބުރާ ދައްކާ އުސޫލުގެ މައްޗަށެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހާ ވެސް ވިޔަފާރި ކުރަނީ ހަމަ މީހުން އަތުން ފަންޑްރެއިޒްކޮށްގެންނެވެ. އެކަމަކު، ދަރަނި ނަގަންވާނީ ދެއްކޭ ވަރުންނެވެ. ފައިސާ ދޭ ގައުމު ބަދަލުވުމަކުން އަދި ނިމުނީކީ ނޫނެވެ. ސަރަހައްދީ އަދި ފިކުރީ ހަނގުރާމައެއްގެ ތެރޭގައި ތާށިވެގެން ލިބޭނީ ފައިދާ އަށް ވުރެ ގެއްލުމެވެ!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް