އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 300 ކިލޯގްރާމަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި އެވެ.
ދޫނިދޫގައި މިތަކެތި ނައްތާލީ ނޫސްވެރިންގެ ހާޒިރުގައި އެވެ. އަދި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފުލުހުން ބުނީ މިއަދު 324 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށެވެ. މިއަދު ނައްތާލި މަސްތުވާތަކެއްޗަކީ މިއަހަރުގެ ޖޫންގެ ނިޔަލަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި މަސްތުވާތަކެއްޗެވެ.
މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިިމެނެނީ 108.81 ކިލޯގްރާމްގެ ހެރޮއިންއާއި 158.8 ކިލޯގްރާމްގެ ކެނަބިސް އާއި 39.04 ކިލޯގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓް އާއި 14.9 ކިލޯގްރާމްގެ ކޮކެއިން އާއި 1.7 ކިލޯގްރާމްގެ އެމް.ޑީ.އެމް.އޭއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ފުލުހުން ވަނީ މިދިޔަ އޯގަސްޓު މަހުގައި 190 ކިލޯގެ މަސްތުވާތަކެތި ނައްތާލާފަ އެވެ. އެ މަސްތުވާތަކެއްޗަކީ 2009 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ނައްތާނުލެވި ހުރި، އެކި މައްސަލަތަކުގައި ހިމެނޭ ތަކެއްޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް