ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ ގިނަ މެޗުތަކެއް ރޭގައި ކުޅެވުނު އިރު، މި މެޗުތަކުގެ ތެރެއިން އެންމެ ބޮޑަށް ގިނަ ބަޔަކަށް ޚާއްސަ ވެގެން ދިޔައީ ޔޫރަޮުގެ ވަރުގަދަ ދެބާރު ކަމުގައިވާ ސްޕެއިން އަދި ޕޯޗުގަލް ބައްދަލުކުރި މެޗެވެ. އެގޮތުން ރޭގައި މި ދެޓީމު ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ އެއްްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.
ޕޯޗުގަލްގައި ކުޅުނު މި މެޗް އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗުގައި ދެ ޓީމުގެ ކޯޗުންވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އުމުރުން ހަގު އއު ކުޅުންތެރިންނަށް ފުރުސަތު ދިނުމަށެވެ. އެގޮތުން އާންމުކޮށް ދެޓީމުގެ ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ގިނަ ކުޅުންތެރިން ރޭގެ މެޗުގައި ފެނުނީ ބެންޗުންނެވެ. ޕޯޗުގަލް ޓީމުން މިކަން ވަރަށް ބޮޑަށް ފާހަގަ ކޮށްލެވުނެވެ.
ރޭގެ މެޗުގައި ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ނެރުނު ފުރަތަމަ އެގާރައިން ވުލްވްސްގެ މިޑްފީލްޑަރު އެޑަމާ ޓްރައޯރޭ އަށް ފުރުސަތު ދިންއިރު ޓީމުގެ ފޯވަޑް ލައިނުން ފެނުނީ ޖެރާޑް މޮރޭނޯ އާއި ރޮޑްރީގޯގެ އިތުރުން ރޮޑްރީގޯ ފަދަ ޒުވާން ކުޅުންތެރިންނެ އެވެ.
ރޭގެ މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ސްޕެއިންނެވެ. އެގޮތުން މި ހާފު ފެށުނު ތަނާ ކަހަލަ ގޮތަކަށް ސްޕެއިންގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ދިޔައެވެ. ނަމަވެސްސްޕެއިންގެ މި ހަލާތަކުގެ ހުރަހަކަށްވީ ޕޯޗުގަލްގެ ގޯލްކީޕަރު ރުއި ޕެޓްރީޝިއޯއެވެ. މެޗްގެ ފުރަތަމަ ހާފުގެ ތެރޭގައި ޕޯޗުގަލް އަށް ސްޕެއިންގެ ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާ ލެވިފައެއް ނުވެއެވެ.
ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފަށް ކުޅެން ނިކުމެ ޕޯޗުގަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، ހާފުގެ ކުރީކޮޅު ރޮނާލްޑޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ދިޔައެވެ. އެގޮތުން ރޮނާލްޑޯ ސްޕެއިންގެ ގޯލާ އަމާޒުކޮށް ފޮނުވާލި މިހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެނާޓޯ ސަންޗޭސް ޖެހި ބޯޅަ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗް ނިމެން ގާތްވެފައި ވަނިކޮށް މެޗުން މޮޅުވާން ޕޯޗުގަލްގެ ޔާއޯ ފެލިކްސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. ރޭގެ މުޅި މެޗަށް ބަލާއިރު، ގިނަ ހަމަލާތަށް އުފައްދާ ފައިވަނީ ޕޯޗުގަލްއިންނެވެ.
ޕޯޗުގަލްއާއި ސްޕެއިންނަށް ކުރިއަށް އޮތީ ޔުއެފަ ނޭޝަންސް ލީގު މެޗުތަކެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހުގެރޭ ޕޯޗުގަލް ފްރާންސާއި ދެކޮޅަށް ނިކުންނައިރު، އަންނަ ހޮނިހިރު ދުވަހު ސްޕެއިން ނިކުންނާނީ ސްވިޓްޒަލެންޑާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް