ފަހަކަށް އައިސް ގްރޫޕްކޮށް ރަށްރަށަށް ގޮސް ކަރަންޓީނުވާ މީހުން އެއްފަހަރާ ކޮވިޑް-19 އަށް ފައްސިވުމުގެ މައްސަލަަތައް ގިނަ އަދަދަކަށް ފެންމަތިވެފައިވާކަމަށް ޑރ.އަހުމަދު ޝަހީދު ފާހަކުރައްވައިފިއެވެ.
ޑރ.އަހުމަދު ޝަހީދު މިކަން ފާހަގަކުރައްވާފައި ވަނީ ރޭ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަދައްކަވަމުންނެވެ.
ޑރ.އަހުމަދު ޝަހީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން މަދު ކުރުމަށް، ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށާއި، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކަރަންޓީނުވާ ފަރާތްތަކުންވެސް ސަމާލުކަންދޭން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ.
އެގޮތުން ކުރިއަށް އޮތްތަނުގައި 10 މީހުންނަށް ވުރެ ގިނައިން ކަރަންޓީނުވާ ނަމަ އެ މީހުންނަށް ވަކިވަކިން ކަރަންޓީނު ވެވޭނެ އިންތިޒާމް ހަމަޖައްސާދޭން ޖެހޭނެކަމަށާއި ހަމަޖައްސާ ނުދެވޭނަމަ ގްރޫޕްކޮށް ރަށްރަށަށް ގޮސް ކަރަންޓީނުވާ ނަމަ، 72 ގަޑި އިރު ކުރިން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭ ގޮތަށް ހަމަޖައްސަން ޖެހޭނެ ކަމަށްވެސް ޑރ.އަހުމަދު ޝަހީދު ވިދާޅުވިއެވެ. އަދި ޕީސީއާރު ޓެސްޓް ނައްސިވި ކަމުގައި ވީނަމަވެސް ކަރަންޓީނުގެ މުއްދަތުގައި އެހެންމީހުންނާއި މަސްހުނިވެ ނޫޅުމަށް ޑރ.ޝަހީދު ވަނީ އިލްތިމާސްކުރައްވާފައެވެ.
ޑރ.އަހުމަދު ޝަހީދު ވިދާޅުވީ ޕީސީއާރު ޓެސްޓު ނެގެޓިވް ވީމަ ނުރައްކާ ނެތުނީއެއް ނޫންކަމަށާއި އެގޮތުން ގްރޫޕްތައް ވަކިވަކިން ތިިބޭ އިރު އެއްބަޔަކު އަނެއް ބަޔަކާ އެއްވެ މަޝްޙުނިވެ ނޫޅުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ހުން އައިސް ރޯގާ ޖެހިފައި ހުރި ނަމަ ދަތުރުނުކޮށް ބަލި ރަނގަޅު ވަންދެން މަޑުކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ޑރ.ޝަހީދު ވިދާވިއެވެ.
ޑރ.ޝަހީދު ވަނީ ގްރޫޕްކޮށް ކަަރަންޓީނުވާއިރު އެ ކަރަންޓީނުވާ މީހުންނަކީ ކުންފުންޏެއް ނުވަތަ މަސައްކަތެއްގައި ދާ ބަޔަަކަށް ވާނަމަ އެ މީހުންނަށް ކޮވިޑް-19 ފެތުރިދާނެ ގޮތުގެ މައުލޫމާތު ވީހާވެސް ބޮޑަށްދީ، ސަލާމަތީ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެކަން ފާހަގަ ކުރައްވާފައެވެ.
ރަށްރަށަށް ދާ މީހުންގެ ތެރެއިން ކަރަންޓީނު ކުރަން ނިންމާފައި ވަނީ މާލެ ސަރަހައްދުން ރަށްރަށަށް ދާ މީހުން އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް