މިއަދުގެ މުޖުތަމަޢުގައި އެންމެ ގިނައިން ދައްކާ އަދި ދެކެވޭ އެއް ވާހަކައަކީ އޮފީސްތަކުގައި ވަޒީފާ އަދާކުރަމުންގެންދާ މުވައްޒަފުންގެ ފަރުވާކުޑަކަމާއި ކަންޖޫސް ކަމުގެ ވާހަކައެވެ. އެގޮތުން އޮފީހަށް މާ ގިނައިން ސަލާމް ބުނުމާއި އޮފީހަށް ސަލާމް ނުބުނެ އަންނަ ދުވަހަކުވެސް ވަގުތު ފުރިހަމަ ނުކޮށް ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު ގެއަށް ދާ މައްސަލައެވެ. އެގޮތުން އެފަދަ މުވައްޒަފުންގެ ފަރާތުން އޮފީހަށް ބޭނުންވާ އެއްވެސް އުފެއްދުންތެރިކަމެއް ނުލިބޭ ވާހަކައެވެ.
މަސައްކަތުގެ މާހައުލުގައި މުވައްޒަފުން ޕްރޮޑަކްޓިވް މަސައްކަތްތަކެއް ކުރާ، ހިތްހަމަޖެހިގެން ވަޒީފާ އަދާ ކުރާ މުވައްޒަފުން ފާހަގަކުރެވޭއިރު، ގިނައީ މިއާ މުޅިން އިދިކޮޅު މުވައްޒަފުންނެވެ. އުފެއްދުންތެރި ރަނގަޅު މަސައްކަތް ކުރާ މުވައްޒަފުން ތިބި ދުނިޔޭގެ މަޝްހޫރު ކުންފުނިތައްވެސް އެބަހުއްޓެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ބަލާއިރު، މަސައްކަތުގެ ވަގުތުތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތެވެ. މުވައްޒަފުންގެ އުފެއްދުންތެރި މަސައްކަތް އިތުރު ކުރެވޭނެ ގޮތްތަކަކީ ކޮބައިކަމާ އެންމެ ރަނގަޅު އުކުޅު ތަކަކީ ކޮބައިތޯ ބަލާލުން މުހިންމެވެ.
އާންމުގޮތެއްގައި މުވައްޒަފުންގެ މަސައްކަތްތަށް ހަރުދަނާ ކުރުމަށް ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނަށް މިހާރަކަށް އައިސް އެއް އޮފް ދުވަހުގެ ބަދަލުގައި ދެ އޮފް ދުވަސް ވެސް ދެމުންދެއެވެ. މި ބަދަލުތަކާއެކުވެސް ވެސް މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުވާ ކަމަށް ތަރައްގީވެފައިވާ ގައުމުތަކުން ފާހަގަކުރެއެވެ. މީގެ އިތުރުން ވަޒީފާ އަދާ ކުރާ ވަގުތު މަދު ކުރުމުންވެސް ފެނިގެންދަނީ މަސައްކަތުގެ ފެންވަރުގެ 20 ޕަސެންޓް އިތުރުވިތަނެވެ. އަދި މުވައްފަޒުން ވަޒީފާއާއި މެދު ހިތްހަމަޖެހޭ މިންވަރު އިންތިހާއަށް އިތުރުވެގެންދާކަމަށެވެ. ނިއުޒިލެންޑްގެ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމުގައިވާ ޕާޕެޗުއަލް ގާޑިއަން ކުންފުނިން ވަނީ އަމަލީ ގޮތުން މިކަން ތަޖުރިބާވެސް ކޮށްފައެވެ.
މި އެކްސްޕެރިމެންޓްގެ ނަތީޖާގެ އަލީގައި އޯކްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލިޖީގެ ހިއުމަން ރިސޯސް މެނޭޖްމެންޓްގެ ޕްރޮފެސަރ ޖެރާޑް ހާރް ވިދާޅުވީ، އަދާކުރާ ވަޒީފާ އާއި މީހާގެ ނަފްސަށް ލިބޭ ހިތްހަމަޖެހުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. އަދާ ކުރާ ވަޒީފާ އާއި ގޭގައި އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުން މިހާއަށް ލިބޭ ހިތްހަމަޖެހުން އިތުރުވެ، އަދާ ކުރާ ވަޒީފާގައި ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް މަގުފަހިވާ ކަމަށެވެ.
ގައުމުތަކަށް ބަލާއިރު ގްރީސް އަކީ ފާހަގަކޮށްލެވޭ ގައުމެކެވެ. އެގައުމުގައި ވަޒީފާގައި ގިނަ ވަގުތު ހޭދަކުރާ މުވައްޒަފުން ގިނައެވެ. އެހެން ނަމަވެސް މުވައްފަޒުންގެ މަސައްކަތު ފެންވަރަށް ބަލާއިރު އެގައުމު ހިމެނެނީ ލިސްޓުގެ ފުލުގައެވެ. ޖަޕާނަށް ބަލާއިރު އެގައުމަކީ ގިނަ ވަގުތު މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ގައުމެކެވެ. އެހެން ނަމަވެސް އޭގެއިން އެގައުމުގެ އުފެއްދުންތެރިކަމަށް މާ ބޮޑު އަސަރެއް ނުކުރެއެވެ. ޖަޕާނުން މިހާރު މަސައްކަތް ކުރަނީ އިތުރު ވަގުތުގައި މަސައްކަތް ކުރުން ހުއްޓުވާ މުވައްޒަފުން ވަޒީފާގައި ހޭދަ ކުރާ ވަގުތު މަދު ކުރުމަށެވެ.
ޔޫރަޕުގެ ގައުމެއް ކަމަށްވާ ސްވިޑެންއަށް ބަލާއިރު މުވައްޒަފުން މަސައްކަތުގައި ހޭދަކުރަންޖެހެނީ އެންމެ ހަ ގަޑިއިރެވެ. އެހެން ނަމަވެސް މުވައްޒަފުންގެ މަސައްކަތުގެ ފެނަވަރު ރަނގަޅު ކަމަށާއި ސްޓްރެސް މަދުވުމާއި އާއިލާއާއި އެކު ވަގުތު ހޭދަކުރުމަށް އިތުރު ފުރުސަތު ލިބުމުގެ ސަބަބުން އަދާކުރާ ވަޒީފާއަށް ފަރުވާ ބަހައްޓާ މީހުން އިތުރުވެއެވެ. މަސައްކަތް ކުރުމަށް ފަރުވާ ކުޑަކުރާ މީހުންނާއި މަސައްކަތަށް ސަލާމް ބުނާ މީހުން މަދުކަމަށް ފާހަގަކުރެވެއެވެ.
މަދު އާބާދީއެއް އޮންނަ އައިސްލޭންޑްގައިވެސް ވަނީ ވަޒީފާ އަދާ ކުރާ ވަގުތު މަދު ކުރުމުގެ މަސައްކަތްތަކެއް ފަށާފައެވެ. އެ ގައުމުގެ ސިޓީއެއްގެ މީހުން ވަޒީފާ އަދާ ކުރަންޖެހޭ ވަގުތު ހަތަރު ގަޑިއިރާއި ފަސް ގަޑިއިރަށް ބަދަލު ކުރިއެވެ. މިއާ އެކު ވަޒީފާ އަދާ ކުރުމުގައި މުވައްޒަފުންގެ ޝައުގުވެރިކަން އިތުރުވެ މުވައްޒަފުން ސަލާމް ބުނުން މަދުވިއެވެ. މިއާއެކީ ހަރަދުތައް ކުޑަވެ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެގެންދިޔަކަމަށް އެގައުމުން ފާހަގަކުރެއެވެ.
މިފަދަ ހުރިހާ ހޯދުންތަކުންވެސް އެނގިގެންދަނީ މަސައްކަތް ކުރުމަށް ވަގުތު މަދު ކުރުމުން މުވައްޒަފުންގެ މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުވެގެންދާ ކަމެވެ. ގިނަ ވަގުތު މުވައްޒަފުން ވަޒީފާގައި އުޅުމަކުން އެމީހާއަކީ އެންމެ އެދެވޭ ގޮތަށް މަސައްކަތް ކުރާ މީހެކޭ އަދި ނުބުނެވޭނެއެވެ.
މިގޮތުން މަސައްކަތުގެ އުފެއްދުންތެރިކަމާއި ވަޒީފާއަށް ރަގަޅު ކުރިއެރުންތަކެއް ލިބެމުންދާ ރަނގަޅު ގައުމުތަކަށް ބަލާއިރު ޖަރުމަނަކީ ދުނިޔޭގައިވެސް ނަމޫނާ ގައުމެކެވެ. އެގައުމަކީ އެއްވެސް ވަރަކަށް އިތުރު ވަގުތުގައި މަސައްކަތްކުރުމަށް ތާއީދު ކުރާ ގައުމެއް ނޫނެވެ. އެގޮތުން އަހަރަކު އެގައުމުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ވަޒީފާގައި ހޭދަކުރަނީ 1363 ގަޑިއިރެއެވެ. އަދި އެއީ ދުނިޔޭގެވެސް އެންމެ ގިނަ ވަގުތު މަސައްކަތުގެ މާހައުލުގައި މުވައްޒަފުން ހޭދަކުރާ މެކްސިކޯ އަށް ވުރެ 892 ގަޑިއިރު މަދު އަދަދެކެވެ. މެކްސިކޯގައި އަހަރު 2255 ގަޑި އިރު މުވައްޒަފުން ވަޒީފައި ހޭދަކުރެއެވެ. އެހެން ނަމަވެސް މަސައްކަތުގެ އުފެއްދުންތަކަށް ބަލާ އިރު އެގައުމު އުޅެނީ ލިސްޓުގެ އެންމެ ފުލުގައެވެ. ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު އެންމެ ގިނަ ވަގުތު މަސައްކަތުގައި މުވައްޒަފުން ހޭދަކުރާ ގައުމަކީ ގްރީސްއެވެ. ގްރީސްގައި މުވައްޒަފުން އަހަރަކު 2035 ގަޑި އިރު ވަޒީފާގައި ހޭދަކުރެއެވެ.
މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ޕާފޯމެންސް ރަގަޅު ކުރުމަށްޓަކައި ކުންފުނިތަކަށް ކުރެވޭނެ އެއް ކަމަކީ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި މުވައްޒަފުންގެ ހިޔާލު ހޯދުމެވެ. އަދި އުސޫލުތައް ކަނޑައެޅުމުގައި މުވައްޒަފުން ބައިވެރި ކުރުމެވެ. މިއީ އެންމެ ރަނގަޅުގޮތް ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް