މަގުމަތީގައި އުޅޭ ބުޅާތަކުގެ ހައްގު އިންސާނުންގެ ދިރިއުޅުމާއި ސިއްހަތަށްވުރެ ބޮޑުވެފައި!

މާލެ ސަރަހައްދުގައި މީގެ ކުރިން ނޫޅޭ ވަރަށް މަގުމަތީގައި އުޅޭ ބުޅާ ނުވަތަ ސްޓްރޭ ކެޓް ގިނަ އެވެ. ފަހުގެ އަހަރުތަކުގައި އުޅޭ ގިނަ ބުޅާތަކަކީ ރާއްޖޭގައި ޒަމާނުންސުރެ އުޅެމުން އަންނަ ސިފައާއި ގައިގެ ހަން...

08 Sep 2026 | 05:23
މަގުމަތީގައި އުޅޭ ބުޅަލެއް --

މަގުމަތީގައި އުޅޭ ބުޅަލެއް --

މާލެ ސަރަހައްދުގައި މީގެ ކުރިން ނޫޅޭ ވަރަށް މަގުމަތީގައި އުޅޭ ބުޅާ ނުވަތަ ސްޓްރޭ ކެޓް ގިނަ އެވެ.

ފަހުގެ އަހަރުތަކުގައި އުޅޭ ގިނަ ބުޅާތަކަކީ ރާއްޖޭގައި ޒަމާނުންސުރެ އުޅެމުން އަންނަ ސިފައާއި ގައިގެ ހަންގަޑާއި ބޮޑުމިން ހުރި ބުޅާ ނޫންކަން މިހާރު މަގުމަތިން ފެންނަ ބުޅާތަކުން އެނގޭނެ އެވެ. ގިނައީ ބޭރު ގައުމުތަކުން އެތެރެކޮށް ގޭގައި ގެންގުޅުމަށް ފަހު މަގުމައްޗަށް ދޫކޮށްލުމުން އާބާދީ އިތުރުވެފައިވާ ބުޅަލެވެ.

މަގުމަތީގައި ބުޅާ ގިނަވާން ޖެހުނު މައިގަނޑު ސަބަބީވެސް އެ އެވެ. ދިވެހިންނަކީ ފެށުނީންސުރެ ބުޅާ ދެކެ ވަރަށް ލޯބިވާ ބައެކެވެ. މާލޭގައި މިހާރު އުޅޭ ބައެއް ޒުވާނުން އެކަންޏެއް ނޫނެވެ. ޒަމާނުންސުރެ ރަށްރަށުގައި ގޭގޭގައި ބުޅަލުގެ ބޮޑެތި އާއިލާތަށް އެ އާއިލާތަކުގެ މެމްބަރުންގެ ގޮތުގައި ގެންގުޅެމުން ދިޔަ އެވެ.

ނަމަވެސް މިއީ އެ ޒަމާނެއް ނޫނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި އާބާދީ ތޮއްޖެހުމާއި ވެހިކަލްތައް ތޮއްޖެހިފައި އޮތުމުގެ ސަބަބުން ބުޅާތައް ތޮއްޖެހި މީހުންނަށް އުނދަގޫވާ ވަރަށް ގިނަވުން ގިނަ މީހުންނަށް ބަލައެއް ނުގަނެވެ އެވެ. އާންމުކޮށް ބުޅަކީ އޮޅު ކުރަން ފަސޭހަ ޖަނަވާރަކަށް ވާތީ ކާން ދޭ ނަމަ ވަރަށް ފަސޭހައިން އެތަނެއް ފާހަގަކޮށް އެ ސަރަހައްދަކުން ދުރަށް ނުދިއުމާއި އެ ސަރަހައްދެއްގައި އުޅުމަކީ ބުޅަލުގެ މިޒާޖާއި އުޅުމުގެ ވައްޓަފާޅި ބިނާވެފައިވާ ގޮތެވެ.

ބައެއް މީހުން ބުޅަލަށް ކާންދޭން މަގުމައްޗަށް މަސް ދަޅާއި ކުކުޅުމަހާއި ކަނޑުމަސް ނެރެ އެވެ. ވަކިތަނެއް ނުބަލައެވެ. ދިރިއުޅޭ ގޭގެ ބޭރުގައި ކާން އަޅާފައި ބެހެއްޓުމުގެ އިތުރުން ވަރަށް ލޯބިން ކާން ދޭންވެސް ތިބެ އެވެ. އެފަދަ މީހުން ދެކެ މިހާރު ރުޅި އަންނަ މީހުން މަދެއް ނޫނެނެވެ.

މަގުމަތީގައި ބުޅަލަކަށް ކާން އަޅާފައި --

މި ހަފްތާގައި ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަނީ ހުޅުމާލޭގެ ވިނަރެސް ސަރަހައްދުގައި ބުޅަލަށް ކާންދޭން ހުރި އަންހެނަކާއި ދިމާލަށް މީހުން އެއްޗެހި ކިޔާ އެކަން ނުކުރުމަށް އިންޒާރުދޭ ތަނެވެ. އަނެއް ރޭ ސޯޝަލް މީޑިއާއިން ފެނުނީ ބުޅަލަށް ކާންދިން އަންހެން މީހާގެ ހައްގާއި ބުޅާތަކުގެ ހައްގުގައި މަގުމަތީގައި އުޅޭ ބުޅާތައް ދެކެ ލޯބިވާ އެތައް ބަޔަކު އެއްވެ ބުޅާތަކަކާއި އެކު ވަގުތު ހޭދަ ކުރާ މަންޒަރެވެ.

އާންމުވި ވީޑިއޯއާއި އެކު ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ މީހުންނާއި މެދު ސޯޝަލް މީޑިއާގައި މީހުން ހިޔާލު ފާޅު ކުރީ ތަފާތު ގޮތަކަށެވެ. މައިގަނޑުގޮތެއްގައި އެންމެންގެވެސް ސުވާލަކީ އިންސާނުންނަށްވުރެ ބުޅަލުގެ ހައްގު މުހިންމު ހެއްޔެވެ.

ހިޔާލުފާޅު ކުރި މީހަކު ބުނީ ޕާކުކޮށްފައި ހުންނަ ސައިކަލުތަކަށް އަރައި މަޑި ކަފައިގެންދާ ވަރަށް ވަކި އަޅައި ސައިކަލު މަތީގައި އޮންނަ ނަމަ ބުޅަލަށް އަނިޔާ ކުރެވޭނެ ކަމަށެވެ. އެގޮތަށް ބުޅާ ކަންތައް ކުރަނީ ކާންދޭން ނުޖެހޭ ތަންތަނުގައި ކާންދީ މީހުން ދިރިއުޅޭ ގެތަކާއި ޓަވަރުތަކުގެ ކައިރިއަށް ބުޅާތައް ޖަމާވުމުން ކަމަށެވެ.

އެހެން މީހަކު ބުނީ ބުޅަލަށް ކާން ދިނުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ ބުޅާ ދުނިޔޭގައި ލެއްވި މާތް ﷲ ސުބަހާނަހޫ ވަތައާލާ އެ ޖަނާވަރު ލައްވާފައިވަނީ އަމިއްލައަށް ކާތަކެތި ހޯދައިގެން މަގުމަތީގައި އުޅޭ ޖަނަވާރެއްގެ ގޮތުގައި ކަމަށްވާތީ ކަމަށެވެ.

މަގުމަތީގައި އުޅޭ ބުޅަލެއް --

މީހަކު ބުނެފައިވާގޮތުގައި އޭނާ އަކީ ޖަނަވާރަށް ވަރަށް ލޯބި ކުރާ މީހެކެވެ. ބުޅާ ދެކެވެސް ލޯބިވާ ކަމަށާއި ނަމަވެސް މަގުމަތީގައި އުޅޭ ބުޅާތައް މިހާ ގިނަވެ އެތަކެއްޗަށް ކާން އެޅުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ މިހާރު ގިނަ ފަހަރު ފެތުރެމުންދާ ހުމާއި ރޯގާގެ ގިނަ ބަލިތަކަކީ މިފަދަ ޖަނަވާރުތައް ގިނަވެ އާންމުންގެ ތެރޭގައި އުޅުމުން ފެތުރޭ ބަލިތައް ކަމަށެވެ.

އޭނާގެ ބަހަށް ތާއީދުކޮށް މީހުން ބުނީ ކުޑަކުދިން ކުޅެން އުޅޭ ޕާކުތަކުގައި ބުޅާ ބޮޑުކަމު ގޮސް ހުންނަ ކަމަށާއި އެތަކެއްޗަށް ކުޑަކުދިން އަތް ލައި ފައިން އެރި ހެދޭ ފަހަރުވެސް މަދު ނޫން ކަމަށެވެ.

ބައެއް މީހުން އެއްވެސް ކަމަކާ ނުލައި ބުޅަލަށް އަނިޔާ ކުރުންވެސް މިހާރު ވަރަށް އާންމެވެ. މިއީ ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

މި މައްސަލަ ހައްލު ކުރަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތައްކެއް ކުރަމުންނެވެ. އެގޮތުން ބުޅާ ބަލަހައްޓާ މަރުކަޒެއް ހެދި އެވެ. އެ މަރުކަޒުން އެކަނި ހައްލު ނުވާނެކަން އެނގުމުން މިހާރު ސަރުކާރުން ވަނީ ވަކި ރަށެއް ބުޅާ ގެންގުޅުމަށް ހާއްސަ ކުރަން ނިންމާފައި އެވެ.

ނަމަވެސް މިކަން ހައްލުވާނީ އާންމު ފަރުދުން އަމިއްލަ ފަރުދީ ޒިންމާ ނަގައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް