ގދ. ހޯނދެއްދޫއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވާ ބައެއްގެ ހާލު ސީރިއަސް ވެގެން ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޯވިޑް މެނޭޖްމެންޓްމެންޓު ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.
އެޗްއީއޯސީން "ދުވަސް" އަށް މައުލޫމާތު ދެމުން ބުނީ ހޯނޑެއްދޫގައި ޕޮސިޓިވްވެފައިވާ އުމުރުން ދުވަސްވީ ދެ މީހަކު ވިލިނގިލީ ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. ހާލު ދެރަވެގެން ވިލިނގިއްޔަށް ބަދަލު ކުރަނީ ދެމަފިރިންނެވެ.
އޭގެ ތެރެއިން ފިރިހެން މީހާ އަކީ އުމުރުން 80 އަހަރުގެ މީހެކެވެ. އަންހެން މީހާ އަކީ 64 އަހަރުގެ މީހެކެވެ. ފެސިލިޓީއަށް ގެންދިއުމުގެ ކުރިން ފިރިހެން މީހާއަށް ވަނީ ހޯނޑެއްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިއެވެ.
ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޯވިޑް ފެސިލިޓީގައި އިތުރު ދެމީހަކަށްވެސް ދަނީ ފަރުވާ ދެމުންނެވެ. އެއީ ގދ. ދާންދޫ ހޯމް ކަރަންޓީންގައި ތިއްބަ ޕޮސިޓިވްކަން އެނގުނު ދެމީހުންނެވެ.
ވިލިނގިލީ ކޯވިޑް ފެސިލިޓީގައި 23 އައިސޮލޭޝަން އެނދު ހުރެ އެވެ. އަދި އައސީޔޫ އާއި ވެންޓިލޭޓަރުގައި ފަރުވާދެވެން ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް