ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބު ބާއްވާ، ރައީސްގެ މަޤާމަށް ޢަލީ ރަޝީދު އަދި ނައިބު ރައީސްގެ މަޤާމަށް އިބްރާހިމް ޝިއުރީ އިންތިޚާބު ކޮށްފިއެވެ.
އެ އެސޯސިއޭޝަންގެ އިންތިޚާބު ބާއްވާފައި ވަނީ ގަލޮޅު ރަސްމީ ދަނޑުގައި މިއަދުއެވެ.
މި އިންތިޚާބުގައި ރައީސްގެ މަޤާމަށް ވާދަ ކުރި ޢަލީ ރަޝީދަށް 155 ވޯޓު ލިބުނު އިރު، އޭނާ އާ ވާދަކުރި ޠާހާ ސަލީމަށް ލިބުނީ 80 ވޯޓެވެ. އަދި ނައިބު ރައީސްކަަމަށް ވާދަ ކުރި އިބްރާހިމް ޝިއުރީއަށް 165 ވޯޓު ލިބުނު އިރު، ދެން ވާދަކުރި ޢަބްދުﷲ ޝަރީފަށް ލިބުނީ 71 ވޯޓެވެ.
ޚަޒާންދާރުގެ މަޤާމަށް އަޙްމަދު ޝާޒިލް އާއި މުޙައްމަދު ސަޢީދު ވާދަކޮށް ކާމިޔާބު ކުރީ އަޙްމަދު ޝާޒިލް އެވެ. އޭނާއަށް152 ވޯޓު ލިބުނު އިރު، ސަޢީދަށް ލިބުނީ 85 ވޯޓެވެ. ކްލަބު މެމްބަރުގެ މަޤާމަށް ޖާދުﷲ ޙަސަން ހޮވުނީ 12 ވޯޓުންނެވެ. އޭނާއާ ވާދަކުރި އިބްރާހިމް ލަޠީފަށް ލިބުނީ 3 ވޯޓެވެ.
ފަރުދީ އަންހެން މެމްބަރުގެ މަޤާމަށް ޢާއިޝަތު ސަމާހަތު ބިންތް ފިރާގު ހޮވުނީ 143 ވޯޓުންނެވެ. އޭނާއާ ވާދަކުރި މުޢީނާ މުޙަައްމަދަށް ލިބުނީ 91 ވޯޓެވެ. ފަރުދީ ފިރިހެން މެމްބަރުގެ މަޤާމަށް 154 ވޯޓާއެކު ޢައްޒާމް އިބްރާހިމް ހޮވުނު އިރު، އޭނާއާ ވާދަކުރި ޢަލީ އާދަމް މަނިކަށް ލިބުނީ 79 ވޯޓެވެ.
މި އިންތިޚާބުގައި އެސޯސިއޭޓް މެމްބަރުކަމަށް އިސްމާޢިލް ސުޖާޢު އާއި ޢާޢިޝަތު ފަދުވާ ރަޝީދު ވާދަކޮށް، ކުރި ހޯދީ ސުޖާޢު އެވެ. އޭނާއަށް 144 ވޯޓު ލިބުނު އިރު، ފަދުވާއަށް ލިބުނީ 93 ވޯޓެވެ.
ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބު ބާއްވާފައި މިވަނީ އިންތިޚާބާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އިންތިޚާބު ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމާފައި ވަނިކޮންނެވެ.
އެ އެސޯސިއޭޝަނާ ދެކޮޅަށް އެ އެސޯސިއޭޝަންގެ ކުރީގެ އެކްސްކޯގެ މެންބަރު އަދި މި އިންތިޚާބުގައިވެސް އެކްސްކޯއަށް ވާދަކޮށް ނާކާމިޔާބުވި މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ވެއްދީ އިންސާފުވެރިކަމާއެކު އިންތިޚާބު ނުބޭއްވޭނެ ކަމަށް ބުނެއެވެ.
މި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ، މައްސަލައިގެ އިޖުރާއީ އަޑުއެހުން ބާއްވާފައިވާ އިރު، އަލިބެ ވަނީ އިންތިޚާބު ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދިފައެވެ.
ނަމަވެސް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް