ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޖޫރިމަނާކޮށްފި އެވެ.
ރައީސް ވަހީދު ޖޫރިމަނާ ކުރީ ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ ގަވަައިދާ ހިލާފަށް އާންމު ތަނެއްގައި މާސްކު ނާޅާ އުޅުއްވާފައިވާތީ އެވެ. އެމަނިކުފާނު ޖޫރިމަނާ ކޮށްފައިވަނީ 1،000 ރުފިޔާ އިންނެވެ.
އެމަނިކުފާނު ޖޫރިމަނާކޮށްފައި ވަނީ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ފަހު އެވެ. މީގެ ކުރިންވެސް މި މައްސަލައިގަ ފުލުހުންގެ އިދާރާއަށް ޑރ. ވަހީދު ހާޒިރު ކުރައްވާފައިވާއިރު އެ ދުވަހު އެމަނިކުފާނާއި އިތުރު ސުވާލެއް ނުކޮށް ފޮނުވާލެއްވީ ގާނޫނީ ވަކީލަކު އައްޔަން ކުރެއްވުމުގެ ފުރުސަތު ދިނުމަށް ފަހު އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައީސް ޑރ. ވަހީދު ޖޫރިމަނާ ކުރީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އެންމެ ފަހުން ބޭއްވި މުޒާހަރާގައި މާސްކު ނާޅާއި ހުންނެވުމުންނެވެ. އެ ދުވަހު ޕީޕިއެމްގެ ބައެއް އިސްވެރިންނާއި އެކްޓިވިސްޓުން މާސްކު ނާޅައި ތިއްބެވެ.
ކޯލިޝަންގެ ވެރިންގެ ތެރެއިން މިހާތަނަށް މާސްކު ނާޅައި ތިބެގެން ޖޫރިމަނާކޮށްފައިވަނީ ޕީއެންސީގެ ރައީސް އަބްދުﷲ އަބްދުއް ރަހީމް އާއި ނައިބު ރައީސް އިބްރާހިމް ޝުޖާއު އެވެ.
އެ ދެބޭފުޅުންވެސް ޖޫރިމަނާކޮށްފައިވަނީ 1،000 ރުފިޔާއިންނެވެ. މީގެ ތެރެއިން އަދުރޭގެ ގާނޫނީ ވަކީލު ވިދާޅުވީ މާސްކު ނާޅައި މުޒާހަރާގެ ބައިވެރިންނާއި ވާހަކަދައްކަވަން އަދުރޭ ހުންނެވީ ޕީޕީއެމް އޮފީސް ތެރޭގައި ކަމަށެވެ. އެހެންކަމުން އެއީ އާންމު ތަނަކަށް ނުވާތީ ޖޫރިމަނާ ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް