ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ. މުހައްމަދު އިބްރާހިމް އާއި އަލީ ރަޝީދު އައްޔަން ކުރައްވައިފި އެވެ.
އެ ދެބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނީ މިދިޔަ ހަފްތާގައި އެވެ.
ޑރ. މުހައްމަދު އިބްރާހިމަކީ 16 އަހަރު ވަންދެން ގާނޫނީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނުގެ ޑޮކްޓަރޭޓް އޮފް ފިލޯސޮފީ ޙާޞިލުކުރައްވާފައި ވަނީ އިސްލާމިކް ކޮމަރޝަލް ލޯގެ ދާއިރާއިން މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާއިންނެވެ. އެ މަނިކުފާނަކީ ޕްރިމިއާ ޗެމްބާސްގެ ޕާޓްނަރެއްގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ގެ ކައުންސިލް މެންބަރުކަމާއި، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގެ ޝަރީޢާ ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އަލީ ރަޝީދު، ކްރިމިނަލް ކޯޓުގެ ގާޒީ ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީ ކަން ކުރައްވާފައި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އިރު އެމަނިކުފާނު ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި އެވެ.
އަލީ ރަޝީދު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީލޯންޑަރުންގެ ކުށް ސާބިތާ ކަމަށް ކަނޑައެޅި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނަވާ ބޭފުޅެކެވެ.
މި ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމުން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަމަވީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް