ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް ހަވާލުވެވަޑައިގަންނަވާފައިވާތީ އެ ކަމަށް އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.
މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ބަދަހިވަމުންދާ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ ނައިބު ރައީސް ވަނީ، މިކަމުގެ ހަޤީޤަތަކީ ދެ ޤައުމަށްވެސް ފައިދާވާ ކަންކަމުގައި އެކުގައި މަސައްކަތްކުރުމާއި، ދެ ޤައުމުގައިވެސް އެއްގޮތް ސަޤާފަތެއް އޮތުންކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޕާކިސްތާނުގެ ސަފީރު ވަނީ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި މެދު މަޝްވަރާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ދޭދޭ ގުޅުން ބަދަހިކޮށް، ތަޢުލީމާއި ޞިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިތުރު ދާއިރާތަކުން ގުޅުންތައް ހަރުދަނާކުރަން މަސައްކަތް ކުރެއްވުމާމެދު ދެ ބޭފުޅުންވެސް ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ ސަފީރު ވަނީ އެ ޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން އަމަލު ކުރަމުންދާ އުސޫލުތަކަށް ތަޢުރީފު ކުރައްވާ، މި ހާލަތުގައި ޕާކިސްތާނުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
ޕާކިސްތާނުގެ ސަފީރު ވަނީ މިހާލަތުން އަވަހަށް އަރައިގަނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، ރާއްޖޭގެ އިޤްޠިޞާދު، ވަކީން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ އަލުން ކުރިއެރުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް