އިއްތިހާދު އެއަރވޭސް އިން ޚާއްސަ އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފު ކޮށްފިއެވެ.
މިއީ ކޯވިޑް-19 ގްލޯބަލް ވެލްނެސް އިންޝުއަރެންސް ކަވަރގެ ނަމުގައި ތައާރަފުކުރި ޕެކޭޖެކެވެ. އަދި މި ޕެކޭޖު ޚާއްސަކޮށްފައިވަނީ އެ އެއަރލައިނުން ދަތުރުކުރާ އިންޓަރނޭޝަނަލް ފަސިންޖަރުންނަށް އަމާޒުކޮށްގެންނެވެ.
މި ޕެކޭޖުގެ ދަށުން ސެޕްޓެމްބަރު 7 ން މިއަހަރުގެ ޑިސެމްބަރ 31 ގެ ނިޔަލަށް އެ އެއަރލައިނުން ދަތުރުކުރާ ފަސިންޖަރުން ދަތުރުގެ މަންޒިލުގައި ވަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެނަމަ، ބައްޔަށް ފަރުވާކުރުމުގެ ޚަރަދާއި ކަރަންޓީނު ޚަރަދު ދިނުމަށް ވަނީ ނިންމާފައެވެ. 31 ދުވަހުގެ މުއްދަތަކަށް މި ޕެކޭޖުގެ ދަށުން ފަސިންޖަރުން ކަވަރުކުރާނެއެވެ.
އެ އެއަރ ލައިނުން ބުނީ މި އިންޝުއަރެންސް ޕެކޭޖުގައި ޕީސީއާރު ޓެސްޓުގެ އަގު ކަަވރު ނުކުރާނެ ކަމަށެވެ.
މި ޕެކޭޖުގެ ސަބަބުން ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ސިނާއަތް މަޑުޖެހިފައިވާ މިދުވަސްވަރު، މި ސިނާއަތް ކޮޅަށް ޖެހުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށްވެސް އެ އެއަރލައިނުން ބުނެއެވެ.
ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރާ މި އެއަރލައިނުން ކޯވިޑް-19 ގެ ސަބަބުން ދަތުރުތައް މަޑުޖައްސާލުމަށްފަހު އަލުން ވަނީ ފަށާފައެވެ. އެ އެއަރލައިނުން އަންނަނީ ރާއްޖެއަށްވެސް ދަތުރުތައް ބާއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް