ޗާޓާޑް އެކައުންޓުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ26 ވަނަ ދުވަހު އެވެ.
މި ބިލު ރައީސް ތަސްދީގު ކުރެއްވުން އެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭކަމަށް ކަނޑައަޅާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ނަމުގައި ވަކި މިނިވަން މުއައްސަސާއެއް އުފެދުނީ އެވެ. އަދި އޮޑިޓް ކުރުމާއި އެޝޫރެންސް ޚިދުމަތް ދިނުމުގެ ހުއްދަ ދިނުން އެ އިންސްޓިޓިއުޓްގެ ދަށަށް ބަދަލުވީ އެވެ.
މިމުއައްސަސާއަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު މުއައްސަސާއެކެވެ.
މި ގާނޫނާއި އެކު އުފެދުނު މުއައްސަސާގެ އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެޝަނަލް އޯގަނައިޒޭޝަނެއްގެ އެސޯސިއޭޓް މެންބަރުންނަށް ފަހިވާނެ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާއިރު އެސޯސިއޭޓް މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން، އެކައުންޓެންޓެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް "ފެލޯ" މެންބަރުންނަށް ވުމުގެ ފުރުޞަތު ވެސް ފަހުކޮށްދީފައިވެ އެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި އޮޑިޓުކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމުގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހުއްދަ ދިނުމާއި، ގިންތިކުރުމާއި، މެންބަރުން ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަންކުރުމުގެ ބާރު އެ މުއައްސަސާއަށް ލިބިގެންވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް