ރާއްޖެއާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ހިންގާ ކަނޑުމަތީ އޮޕަރޭޝަނެއްގައި ބައިވެރިވާ ސިފައިންނާއި އެކު އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ހދ. ހަނިމާދޫއަށް ޖައްސައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ރަށްރަށަށް އެރުމުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް ދުނިޔޭގައި ދެވަނައަށް އެންމެ ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދާ އިންޑިއާއިން އައި ސިފައިން ތިބުމަށް ހަމަޖެހިފައިވަނީ އެ ރަށުގައި އެވެ.
އިންޑިއާ ސިފައިން ހަނިމާދޫގައި ތިބުމާއި ގުޅޭގޮތުން އެމްއެންޑީއެފުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމަކު ހަނިމާދޫ ކައުންސިލުން މީޑިއާގައި ބުނީ އެމީހުން ތިބުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އެއާޕޯޓުގައި ހުންނަ ކޮޓަރިތަކުގައި ކަމަށާއި އެމީހުން ރަށު ތެރެއަށް ނުދާނެ ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ސިފައިން މިމަހުގެ 16 ގެ ނިޔަލަށް ރާއްޖޭގައި ތިބޭނެ އެވެ. އޭނާ ވިދާޅުވީ އިންޑިއާ ނޭވީ އާއި ގުޅިގެން އެމްއެންޑީއެފުން ކުރިޔަށްގެންދަނީ އޭރިއަލް ސަވައިލަންސް ޕެޓްރޯލް ކުރުން ކަމަށެވެ.
މި އޮޕަރޭޝަނަކީ 2009 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ އޮޕަރޭޝަނެއް ކަމަށާއި މިހާރު ކުރިޔަށް ދަނީ މީގެ 54 ވަނަ އޮޕަރޭޝަން ކަމަށް އާޒިމް ވިދާޅުވި އެވެ. މިއީ ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެކެވެ.
އިންޑިއާ އަސްކަރިއްޔާގެ މަތިންދާ ބޯޓެއް ހަނިމާދޫގައި ޖެއްސުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ކޯވިޑް ފެތުރެމުންދާ މި ދުވަސްވަރު އިންޑިއާ ފަދަ ގައުމަކުން މީހުން ދިރިއުޅޭ ރަށަކަށް ބަޔަކު ދިއުމާއި ކަރަންޓީން ކުރުމާއި މެދު އަމަލު ކުރާ ގޮތާއި ގުޅޭގޮތުން އެމްއެންޑީއެފް އަދި އެޗްޕީއޭއިން އެއްޗެއް ބުނެފައެއް ނުވެ އެވެ.
މީގެ އިތުރުން މިގޮތަށް އިންޑިއާ ސިފައިން ރަށެއްގައި ތުބުމަކީ ރާއްޖެއަށް އަތް ގަދަ ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ދަނީ ސިފަ ކުރުމުންނެވެ. މީގެ އިތުރުން އިންޑިއާ އަސްކަރީ މަތިންދާ ބޯޓު އެ ރަށުގައި ޖެއްސީ ސިއްރުން ކަން ދޭހަވާގޮތަށް އިދިކޮޅުން ވާހަކަދައްކާފައިވެ އެވެ.
އެކަމަކު އެމްއެންޑީއެފުން ވަނީ މަތިންދާ ބޯޓު ޖެއްސި މަންޒަރުގެ ވީޑިއޯ ނޫސްވެރިންނާއި ހިއްސާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް