ޔޫއެފާ ނޭޝަންސް ލީގު: މޭސަން އާއި ފޯޑެން އަށް 4 މެޗުގެ ސަސްޕެންސަން އެއް

ކޮވިޑް-19 ގެ އުސޫލަކާ ހިލާފުވުމުގެ ތުހުމަތުގައި އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑްއަށް ކުޅެމުން އަންނަ މޭސަން ގްރީންވުޑާއި މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ފިލް ފޯޑެން އަށް އިނގިރޭސި ގައުމީ ...

08 Sep 2020 | 07:07

ކޮވިޑް-19 ގެ އުސޫލަކާ ހިލާފުވުމުގެ ތުހުމަތުގައި އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑްއަށް ކުޅެމުން އަންނަ މޭސަން ގްރީންވުޑާއި މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ފިލް ފޯޑެން އަށް އިނގިރޭސި ގައުމީ ޓީމު ނޭޝަންސް ލީގުގައި ކުރިޔަށް ކުޅެން ހަމަޖެހިގައިވާ ހަތަރު މެޗުގައިވެސް ނުކުޅެވޭ ގޮތަށް ސަސްޕެންޑް ކޮށްފިއެވެ.

ގްރީންވުޑާއި ފޯޑެން އިނގިރޭސި ޓީމުން ބާކީކުރީ ޔޫއެފާ ނޭޝަންސް ލީގުގައި ރަށުން ބޭރުގައި ހޮނިހިރު ދުވަހު އައިސްލެންޑް އާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު އިނގިރޭސި ގައުމީ ޓީމު ކުޅުންތެރިން ތިބި ހޮޓަލުގެ ކޮޓަރިއަށް އަންހެން ކުދިންތަކެއް ވެއްދި މައްސަލައެއް ގައެވެ.

ރިޕޯޓުތައް ބުނާގޮތުން ގްރީންވުޑާއި ފޯޑެން އިނގިރޭސި ގައުމީ ޓީމް ކުޅުންތެރިން ތިބޭ ހޮޓަލަށް އަންހެން ކުދިންތަކެއް ވެއްދިކަން ފަޅާއަރާފައިވަނީ އެތަނުން ކުއްޖަކު ސްނެޕްޗެޓަށް ލީ ވީޑިއޯއަކުންނެވެ. އެ އަންހެން ކުއްޖާ ސްނެޕްޗެޓް އަށް ލި މި ވީޑއޯގައި ގްރީންވުޑާއި ފޯޑެން ފެނެއެވެ.

މި މައްސަލަ ގަނޑު ބޮޑުވެ ގްރީންވުޑާއި ފޯޑެން ގައުމީ ޓީމުން ބާކީކުރިކަން ރަސްމީކޮށް އިއްޔެ އިއުލާން ކޮށްފައިވާއިރު، މިކަން އިއުލާންކުރީ އިންގްލެންޑްގެ ހެޑް ކޯޗު ގަރެތު ސައުތުގޭޓް އެވެ.

އެގޮތުން އޭރު އޮތްގޮތުން ގްރީންވުޑާއި ފޯޑެން ޓީމުން ބާކީކުރުމުން ނުކުޅެވޭނީ މިރޭ ޔޫއެފާ ނޭޝަންސް ލީގުގައި އިންގްލެންޑުން ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގައި އެކަންޏެވެ.

ނަމަވެސް މި ނިންމުން ބަދަލުކޮށް އިނގިރޭސި އެފްއޭއިން މިހާރު ވަނީ ކުރިޔަށް އޮތް ތިން މެޗެއްގައި މި ދެކުޅުންތެރިންނަށް ނުކުޅެވޭ ގޮތަށް އަދަބު ދީފައެވެ.

މީގެ އިތުރުން މި ކަމާއި ގުޅިގެން އައިސްލެންޑް ގެ ފުލުހުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް-19 ގެ އުސޫލަކާއި ޚިލާފުވެފައިވާތީ ގްރީންވުޑާއި ފޯޑެން ޖޫރިމަނާ ކުރަން ނިންމާ ފައި ވާކަމަށެވެ.

އެގޮތުން ގްރީންވުޑާއި ފޯޑެން ކުރެ ކޮންމެ ކުޅުންތެރިޔަކު 13000 ޕައުންޑް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނެކަމަށް އައިސްލެންޑްގެ ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އައިސްލެންޑުގެ ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި މި ޖޫރިމަނާ ދައްކަން ޖެހޭނީ ގްރީންވުޑާއި ފޯޑެން އެވެ. އިނގިރޭސި އެފްއޭ ނުވަތަ އެ ކުޅުންތެރިން ކުޅޭ ކުލަބަކުން މި ޖޫރިމަނާ ދައްކަން ނުޖެހޭނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އައިސްލެންޑުގައި އާއްމުކޮށްފައިވާ ސެލްފް އައިސޮލޭޝަން ގަވާއިދުގައި ބުނެފައިވާ ގޮތުން ކުޅުންތެރިން ތިބޭ ހޮޓަލުން ބޭރަށް ނުކުތުން މަނާކޮށް އިތުރު އެއްވެސް މީހަކާ ބައްދަލު ނުކުރެވޭނެއެވެ. އަދި، މެޗު ކުޅުމަށް ގައުމީ ޓީމުތައް ދަނޑަށް ދިއުމަށް ވެސް ހާއްސަ ހުއްދައެއް ނަގަންޖެހޭއިރު، މި އުސޫލުގައި ބުނެފައިވާގޮތުން މެޗުގެ ކުރިން ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމާއި ފަސް ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ވެސް ޖެހެއެވެ.

މީގެ އިތުރުން  ކަރަންޓީނުގެ މުއްދަތު ހަމަވިޔަސް ޓީމުން ބޭރުން އެއްވެސް މީހަކާ ބައްދަލުކުރުމަކީ މަނާކަމެކެވެ.

ފޯޑެން އާއި ގްރީންވުޑަށް އިނގިރޭސި ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނީ މިދިޔަ ހޮނިހިރު ދުވަހު އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗަށެވެ. އައިސްލެންޑާއި ދެކޮޅަށް މި ދެކުޅުންތެރިން ވެސް ވަނީ ކުޅެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް