ކޮވިޑް-19 ގެ އުސޫލަކާ ހިލާފުވުމުން މޭސަން އާއި ފޯޑެން އިނގިރޭސި ގައުމީ ޓީމުން ބާކީކޮށްފި

ކޮވިޑް-19 ގެ އުސޫލަކާ ހިލާފުވުމުން އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑްއަށް ކުޅެމުން އަންނަ މޭސަން ގްރީންވުޑާއި މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ފިލް ފޯޑެން އިނގިރޭސި ގައުމީ ޓީމުން ބާކީކޮށްފި ...

08 Sep 2020 | 05:51

ކޮވިޑް-19 ގެ އުސޫލަކާ ހިލާފުވުމުން އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑްއަށް ކުޅެމުން އަންނަ މޭސަން ގްރީންވުޑާއި މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ފިލް ފޯޑެން އިނގިރޭސި ގައުމީ ޓީމުން ބާކީކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުން ގްރީންވުޑާއި ފޯޑެން އިނގިރޭސި ޓީމުން ބާކީކުރީ ޔޫއެފާ ނޭޝަންސް ލީގުގައި ރަށުން ބޭރުގައި ހޮނިހިރު ދުވަހު އައިސްލެންޑް އާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު އިނގިރޭސި ގައުމީ ޓީމު ކުޅުންތެރިން ތިބި ހޮޓަލުގެ ކޮޓަރިއަށް އަންހެން ކުދިންތަކެއް ވެއްދި މައްސަލައިގަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ގްރީންވުޑާއި ފޯޑެން އިނގިރޭސި ގައުމީ ޓީމް ކުޅުންތެރިން ތިބޭ ހޮޓަލަށް އަންހެން ކުދިންތަކެއް ވެއްދިކަން ފަޅާއަރާފައިވަނީ އެތަނުން ކުއްޖަކު ސްނެޕްޗެޓަށް ލީ ވީޑިއޯއަކުންނެވެ. އެ އަންހެން ކުއްޖާ ސްނެޕްޗެޓް އަށް ލި މި ވީޑއޯގައި ގްރީންވުޑާއި ފޯޑެން ފެނެއެވެ.

މި މައްސަލަ ގަނޑު ބޮޑުވެ ގްރީންވުޑާއި ފޯޑެން ގައުމީ ޓީމުން ބާކީކުރިކަން ރަސްމީކޮށް އިއުލާންކުރީ އިންގްލެންޑްގެ ހެޑް ކޯޗު ގަރެތު ސައުތުގޭޓް އެވެ. ސައުތުގޭޓް ބުނީ ގްރީންވުޑާއި ފޯޑެން ޓީމުން ބާކީކުރުމުން މިރޭ ޔޫއެފާ ނޭޝަންސް ލީގުގައި އިންގްލެންޑުން ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގައި ގްރީންވުޑާއި ފޯޑެން ނުފެންނާނެ ކަމަށެވެ.

ގްރީންވުޑާއި ފޯޑެން ގައުމީޓީމުން ބާކީ ކުރިކަން ހާމަކުރަނުން ކޯޗު ބުނީ ދެ ކުޅުންތެރިންނާ މެދު އަމަލުކުރާނެ ގޮތް ނިންމަން ޖެހުނީ ކުއްލި ގޮތަކަށް ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންވީމަ އެކަހަލަ ކަމެއް ހިނގައިފާނެ ކަމަށާއި އެކަމުގައި ވާނީ އޮންނަ އުސޫލުން އަމަލުކޮށްފައިކަމަށް ކޯޗް ގަރެތު ސައުތުގޭޓް ބުނެފައިވެއެވެ.

ނަމަވެސް މުޅި ދުނިޔެ ބޮޑު ޕެންޑަމިކެއް ތަޖުރިބާކުރަމުންދާއިރު ހިނގި ކަންތަކަށް އަދަބު ލިބެންޖެހޭ ކަމަށާއި އެގޮތުން ދެ ކުޅުންތެރިން ޓީމުން ބާކީކުރީކަމަށް ގަރެތު ސައުތުގޭޓް ބުނެފައިވެއެވެ. އަދި ސައުތުގޭޓް ބުނީ ކުރިއަށް އޮތް ތަނުގައި މި ދެކުޅުންތެރިން ގައުމީ ޓީމުގައި ކުޅޭނެތޯ ނުވަތަ ނޫންތޯ ނިންމަން އަދި މާ އަވަސް ކަމަށެވެ.

ފޯޑެން އާއި ގްރީންވުޑަށް އިނގިރޭސި ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނީ މިދިޔަ ހޮނިހިރު ދުވަހު އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗަށެވެ. އައިސްލެންޑާއި ދެކޮޅަށް މި ދެކުޅުންތެރިން ވެސް ވަނީ ކުޅެފަ އެވެ.

އައިސްލެންޑުގައި އާއްމުކޮށްފައިވާ ސެލްފް އައިސޮލޭޝަން ގަވާއިދުގައި ބުނެފައިވާ ގޮތުން ކުޅުންތެރިން ތިބޭ ހޮޓަލުން ބޭރަށް ނުކުތުން މަނާކޮށް އިތުރު އެއްވެސް މީހަކާ ބައްދަލު ނުކުރެވޭނެއެވެ. އަދި، މެޗު ކުޅުމަށް ގައުމީ ޓީމުތައް ދަނޑަށް ދިއުމަށް ވެސް ހާއްސަ ހުއްދައެއް ނަގަންޖެހޭއިރު، މި އުސޫލުގައި ބުނެފައިވާގޮތުން މެޗުގެ ކުރިން ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމާއި ފަސް ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ވެސް ޖެހެއެވެ.

މީގެ އިތުރުން  ކަރަންޓީނުގެ މުއްދަތު ހަމަވިޔަސް ޓީމުން ބޭރުން އެއްވެސް މީހަކާ ބައްދަލުކުރުމަކީ މަނާކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް